ހިކަނދި ފަތަކީ އަހަރުމެންގެ ކެއްކުމުގައި ވަރަށް ގިނައިން ބޭނުން ކުރެވޭ ނަމަވެސް ކެއުމުގައި އެހާ މަގުބޫލު ބާވަތެއް ނޫނެވެ. ގިނަފަހަރަށް ކައި ނިމޭއިރު ހިކަނދި ފަތްތަކުގެ ޖާގައަކަށް ވަނީ ކާ ތަށީގެ އެއްކައިރި އެެވެ. ނަމެވެސް އެއިން ލިބޭ ފައިދާތައް އެނގޭނަމަ މިގޮތަށް ކަންތައް ނުކުރާނެކަން ޔަގީނެވެ.

އެނީމިއާއިން ރައްކާތެރިކޮށްދޭ

ހިކަނދި ފަތަކީ ގިނަ އަދަދަކަށް ދަގަނޑުގެ ބައާއި ފޯލިކް އެސިޑް އެކުލެވިގެންވާ އެއްޗެކެވެ. ފޯލިކް އެސިޑަކީ ހަށިގަނޑުގައި ދަގަނޑުގެ ބައި ދައުރުކުރުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. ހިކަނދި ފަތުގައި މި ދެ މާއްދާވެސް ގިނަ އަދަކަށް ހިމެނޭއިރު، މިއީ އެނީމިއާއިން ރައްކާތެރިވުމަށް ކެއުން ވަރަށް ރަނގަޅު ބާވަތެކެވެ.

ހަކުރުބަލި ކޮންޓްރޯލް ކޮށްދޭ

ހިކަނދި ފަތަކީ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ. އެގޮތުން މި ފަތަކީ ހަށިގަނޑުގައި އިންސުލިން ހަރަކާތްތެރިވާ ގޮތަށް ބަދަލުތައް ގެނެސް ހަކުރުގެ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ. އެހެންކަމުން ހަކުރުބަލި ޖެހިފައިވާ ފަރާތްތަކަށް ހަކުރު ކޮންޓްރޯލް ކުރުމުގައި ބޮޑު އެހީއަކަށް ހިކަނދި ފަތް ވެގެންދާނެ އެވެ.

ހަޖަމުގެ ނިޒާމު ރަނގަޅުކޮށްދޭ

ހިކަނދި ފަތަކީ ހަޖަމުކުރުން ރަނގަޅުކޮށްދީ، ހަށިގަނޑުގެ ތެރެއަށް ފެޓްސް ވަންނަ ގޮތް ބަދަލުކޮށްދީ، ބަރުދަން ލުއިކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ބަރުދަން އިތުރުވުމަކީ ހަކުރުބައްޔަށް މަގުފަހިވާ އެންމެ ބޮޑު އެއް ސަބަބު ކަމުގައިވާއިރު، ހިކަނދި ފަތަކީ އެ މައްސަލަ ފެންމަތިވުމުގެ ކުރިން ރަނގަޅުކޮށްދޭ އެއްޗެކެވެ.

ކޮލެސްޓްރޯލް ދަށް ކޮށްދޭ

ގިނަ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ލޭގައި ކޮލެސްޓްރޯލް ހުންނަ މިންވަރު ދަށްކޮށްދޭ މާއްދާތަކެއް ހިކަނދި ފަތުގައި ހުރެ އެވެ. އެންޓިއޮކްސިޑެންޓް ގިނަ އަދަދަކަށް އެކުލެވޭ ހިކަނދި ފަތަކީ ނުބައި ކޮލެސްޓްރޯލް (އެލްޑީއެލް ކޮލެސްޓްރޯލް) އުފެދޭ ނިޒާމް ކަމަށްވާ އޮކްސިޑޭޝަން ހުއްޓުވައިދޭ އެއްޗެކެވެ.

ނުރަފެޅުން ހުއްޓުވައިދޭ

ހިކަނދި ފަތަކީ ބޮލުގައި ނުރަ ފެޅުން ހުއްޓުވައިދިނުމަށް އަބަދުވެސް މަޝްހޫރު އެއްޗެކެވެ. މީގެ އިތުރުން އެއީ ހަލާކުވެފައިވާ އިސްތަށިގަނޑަށް ފަރުވާ ކުރުމަށާއި، ތުނި އިސްތަށި ވަރުގަދަ ކޮށްދީ، އިސްތަށި ފޭބުމާއި ބޮލުން ހަން ފޮޅުން ފަދަ މައްސަލަތަކަށް ވެސް އޮތް ރަނގަޅު ފަރުވާ އެކެވެ.