މިރުހަކީ ދިވެހިންގެ ކެއިންބުއިމުގެ ސަގާފަތުގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރާ އެއްޗެކެވެ. ގިނަ ދިވެހިންނަށް މިރުހުގެ ކުޅި ރަހައާނުލާ ކެއުމެއް ފުރިހަމައެއް ނުވެ އެވެ. ކެއްކުމުގައި މިރުސް ބޭނުން ކުރި ނަމަވެސް އޭގެ އިތުރަށް ވެސް ރޯ މިރުސް ހަފައިގެން ކާ މީހުން ވެސް އުޅެ އެވެ.

މިރުހަކީ ދިވެހިންގެ ކެއުމާ ގުޅިލާމެހިފައިވާ އެއްޗަކަށްވާއިރު އެއިން ލިބޭ މައިގަނޑު އެއް ފައިދާ އަހަރުމެންނަށް އޮތީ ނޭނގި އެވެ. ގިނަ ބަޔަކު ބަރުދަން ލުއި ކުރުމަށް އެކި މަސައްކަތްތައް ކުރާއިރު އެންމެ ކަމުދާ މިރުސްތައް ކައިގެން ވެސް އެކަން ކުރެވޭކަން އެނގޭނަމަ މިރުސް ކާވަރު އިތުރުު ކުރީސް ކަން ޔަގީނެެވެ.

މިރުސް ކާ ވަގުތު އިހުސާސްކުރެވޭ ހުރިހާ ހޫނާއި ތަދަކީ ހަކަތައާއި ކެލޮރީސް ބޭނުންކޮށްގެން އުފެދޭ ހޫނެއް ނުވަތަ ދިލަ އެކެވެ. ފޮނި ރަހަ ލިއްބައިދޭ ބޮޑު މިރުސްތަކަކީ ވެސް ގުދުރަތީ ގޮތުން ހޫނު ހަކަތަ އުފައްދައި،ހަށިގަނޑަށް އޮކްސިޖަން އެތެރެކުރާ މިންވަރު 20 މިނެޓަށް ވުރެ ވެސް ގިނައިރު ވަންދެން އިތުރުކުރުވާ އެއްޗެހިކަން ވަނީ ދިރާސާތަކުން ހޯދައިފަ އެވެ.

މީގެ އިތުރުން ވެސް މިރުހުގައި ހިމެނޭ އެންޓި އޮކްސިޑަންޓްސްއަކީ ހަށިގަނޑުގެ މެޓަބޮލިޒަމް އަވަސްކޮށްދީ ސަރުބީ ވިރުވާ މިންވަރު އިތުރު ކޮށްދޭ މާއްދާ ތަކެވެ.

ބަރުދަން ލުއި ކުރުމުގެ އިތުރުން މިރުހުން ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި އިންފެކްޝަންތަކުން ދުރުކޮށް ދިނުމާއި ތަދު ކަނޑުވައިދިނުމުގެ އިތުރުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުން ހިމެނެ އެވެ.

އެހެންކަމުން މިރުސް ކާން ލޯބިކުރާ ފަރާތްތަކުން އެކަން ހުއްޓާލާނެ ކަމެއް ނެތެވެ. މާބޮޑު ބުރައަކާ ނުލާ ހަށިގަނޑުން މަދު ސަރުބީކޮޅެއް ނަމަވެސް ވިރުވުމަށް މިރުސް އެހީވެދެ އެވެ.