ދާދި ފަހުން ހެދި ދިރާސާއަކާ ހަވާލާދީ ސައިންސްވެރިން ބުނާ ގޮތުގައި ކޮންމެ ދުވަހަކު ހަށިގަނޑުގެ ބަރުދަން ބަލާ މީހުން، ކެއުމަށް ބޮޑު ބަދަލެއް ނުގެނައި ނަަމަވެސް ބަރުދަން ލުއިވެ އެވެ.

ޑްރެލެކްސް ޔުނިވަސިޓީ އާއި ޔުނިވަސިޓީ އޮފް ޕެންސިލްވޭނިއާގެ ސައިންސްވެރިން މި ދިރާސާ ކުރުމަށް އަންހެން 294 ދަރިވަރަކު ބައިވެރިކޮށްފައިވެ އެވެ. މި ދަރިވަރުންގެ ތެރެއިން ދެ އަހަރު ވަންދެން، ކޮންމެ ދުވަހަކު އެއް ފަހަރު ބަރުދަން ބެލި ދަރިވަރުންގެ ބަރުދަނާއި ބޮޑީމާސް އިންޑެކްސް ވެސް ވަނީ ދަށަށް ގޮސްފަ އެވެ.

މި ހޯދުމުގައި އެންމެ އަޖައިބުވި ކަމަކީ، އެކި ބަރުދަނުގައި ތިބި މި ދަރިވަރުން ގާތު ބަރުދަން ލުއިކުރުމަށް އެއްވެސް ވަރަކަށް ބުނެފައި ނެތުމެވެ.

ހަގީގަތުގައި މިއީ ބަރުދަން ބެލުމުން، ބަރުދަން ލުއިކުރުމަށް ބާރު ލިބޭތޯ ބަލަން ކުރި ދިރާސާއެއް ނޫނެވެ. މިއީ ޔުނިވަސިޓީގައި ކިޔެވުން ފެށުމާ އެކު ދަރިވަރުންގެ ބަރުދަން އިތުރުވާ ކަމަށް ފާހަގަވާތީ އެކަމުގެ ހަގީގަތް ދެނެގަތުމަށް ކުރި ދިރާސާއެކެވެ.

މި ދިރާސާއިން ހާމަވި ގޮތުގައި ކޮންމެ ދުވަހަކު ބަރުދަން ބެލި ކުދިން ލުއިވީ ކުޑަކޮށެއް ނޫނެވެ. ފާހަގަވާ ވަރަށް ބޮޑަށް އެ ކުދިންގެ ބަރުދަން ދަށަށް ގޮސްފައިވެ އެވެ. ބަރުދަން ނުބަލާ ދަރިވަރުންގެ ހަށިގަނޑަށް އައީ ވަރަށް ކުޑަ ބަދަލެކެވެ.

"ބަރުދަން ބެލި ދަރިވަރުންގެ ބަރުދަނާއި ބޮޑީމާސް އިންޑެކްސް ދަށަށް ގޮސްފައި ވަނީ ވަރަށް ބޮޑަށް ކަމަށް ބުނަން ޖެހެނީ އެ ދަރިވަރުންނަކީ ބަރުދަން ލުއިކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރި ކުރުވި ދަރިވަރުންނަށް ނުވާތީ،" ދިރާސާގައި އިސްކޮށް ހުންނެވި ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަރުދަން ލުއިކުރުމުގެ އެއްވެސް ކަމެއް މި ދަރިވަރުންނާ ހަވާލުކޮށްފައި ނުވާތީ މިއީ ނިކުމެދާނެ ކަމަށް ހީކުރި ނަތީޖާއެއް ނޫނެވެ.

ކޮންމެ ދުވަހަކު ބަރުދަން ބެލުމުން ހަށިގަނޑުގެ ބަރުދަން ލުއިވާން މެދުވެރިވީ ކީއްވެގެންކަން ބުނަން މި ދިރާސާއިން ނޭނގޭ ކަމަށް ސައިންސްވެރިން ބުންޏެވެ. ނަމަވެސް އެއީ ކޮންމެ ދުވަހަކު ބަރުދަން އެނގޭތީ، ބަރުދަން ލުއިކުރުމުގެ ވިސްނުން އަބަދު ހުރުމުން އަމަލުތައް ބެހެއްޓޭ ގޮތުން ކަމަށް ވުން އެކަށީގެންވާ ކަމަށް ސައިންސްވެރިން ބުނެ އެވެ.

ބަރުދަނަށް އަންނަމުންދާ ބަދަލު އަބަދު އެނގޭ ނަމަ، ބަރުދަން ލުއިކުރުމަށް އަދި އެކަށީގެންވާ ވަރަކަށް ބަހަހައްޓަން ލިބޭ ހިތްވަރަކަށް ވަނީ ކަމަށް ބެލެވެ އެވެ.