ސްޓެމް ސެލް ޓްރާންސްޕްލާންޓް ފަރުވާ ބޭނުންކޮށްގެން އެޗްއައިވީ ޖެހިފައިވާ އަންހެނަކު އެ ބަލިން މުޅިން ރަނގަޅުވެފައިވާ ކަމަށް ދިރާސާވެރިން ބުނެފި އެވެ.
މިދިޔަ އަންގާރަ ދުވަހު އެމެރިކާގައި ބޭއްވުނު ސިއްހީ ކޮންފަރެންސްއެއްގައި ހުށައެޅުނު މި ކޭސްއަކީ ތުއްތު ކުއްޖެއްގެ ފޫޅު ދަނޑިން ސްޓެމް ސެލް ނަގައި އެޗްއައިވީ ބަލިމީހެއްގެ ބޯންމެރޯއަށް ލެއްވުނު ފުރަތަމަ ކޭސް އެވެ.
ސްޓެމް ސެލް ފަރުވާގެ ފަހުން 14 މަސްދުވަސް ވެފައިވާއިރު މެދު އުމުރުގެ އެ އަންހެން މީހާގެ ގައިން ވައިރަސްގެ އެއްވެސް އަސަރެއް ފެނިފައެއް ނުވެ އެވެ. އޭގެ އިތުރުން ވެސް ބަލީގެ އެއްވެސް ފަރުވާއެއް ވެސް އެ މީހާ ކުރަމުން ނުދާ ކަމަށް ރިޕޯޓު ކުރެވިފައިވެ އެވެ.
މި ފަރުވާއާއެކު ސްޓެމް ސެލް ހަދިޔާކުރި ފަރާތަށްވެސް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ދިރާސާވެރިން ބުނެ އެވެ.
މި ކޭސްއަކީ ސްޓެމް ސެލް ޓްރާންސްޕްލާންޓް ބޭނުންކޮށްގެން އެޗްއައިވީއަށް ފަރުވާ ހޯދި ތިންވަނަ ކޭސް އެވެ. އަދި މި ފަރުވާ ލިބިގަތް ފުރަތަމަ އަންހެން މީހާވެސްމެ އެވެ.
މި ފަރުވާއާއެކު އެޗްއައިވީ ޖެހިފައިވާ މީހުންނަށް އާއުއްމީދެއް ލިބި ބަލިން ރަނގަޅުވެ އާއްމު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާސާވެރިން ބުނެ އެވެ.