ވޮޝިންޓަން (19 ފެބްރުއަރީ) - ޔޫކްރެއިންއަށް އަރައި އެގައުމު ހިފަން ރަޝިއާގެ ރައީސް ވްލަމިދިރް ޕުޓިން އެންމެ ފަހުގެ ނިންމެވުން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

"މިވަގުތަށް ބަލާއިރު އެނިންމުން ނިންމާފައިވާ ކަމަށް ގަބޫލު ކުރެވޭ ސަބަބުތައް ފެންނަން އެބަހުރި،" ވައިޓް ހައުސްގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބައިޑަން ވިދާޅުވި އެވެ.

ބައިޑަން އިތުރަށް ވިދާޅުވީ ރަޝިއާއިން އެންމެ ފުރަތަމަ ހަމަލާ ދޭނެ ކަމަށް ލަފާ ކުރެވެނީ 28 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވެރިރަށް ކީވްއަށް ކަމަށެވެ.

ބައިޑަންގެ ވާހަކަފުޅު މި ބީދައިން ހުރި ނަމަވެސް ހަނގުރާމައަކަށް ނުގޮސް ސުލްހަވެރިކަމާއެކު މައްސަލަ ހައްލު ކުރުމުގެ ފުރުސަތު ބަންދުވީ ކަމަށް އެމަނިކުފާނު އިޝާރާތެއް ނުކުރައްވަ އެވެ. ހަނގުރާމަ ފެށެންދެން ސުލްހައިގެ މަޝްވަރާތަކަށް ފުރުސަތު އޮތް ކަމަށް ބައިޑަން ވިދާޅުވެފައިވެ އެވެ.

ޔޫކްރެއިންގެ ވަށައިގެން ރަޝިއާގެ ސިފައިން ޖަމާ ކުރުމާއި އެކަމަށް ބާރުދޭ އެހެނިހެން އިންޓެލިޖެންސް މައުލޫމާތަކީ ރަޝިއާއިން ހަނގުރާމައެއް ފަށަން އުޅޭ ކަމުގެ ސާފު ހެކި ކަމަށް ބައިޑަން ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ބައިޑަން ވަނީ ރަޝިއާއިން ހަނގުރާމައެއް ފަށައިފިނަމަ އެގައުމަށް ކުރިމަތިވާނެ ނަތީޖާ ހިތިވާނެ ކަމަށް ބުނެ އެމަނިކުފާނުގެ އިންޒާރު ތަކުރާރު ކުރައްވާފަ އެވެ.

މި ސިލްސިލާއާ ގުޅޭގޮތުން އެމެރިކާގެ ސެކެޓްރެރީ އޮފް ސްޓޭޓް ރަޝިއާގެ އޮޕިޝަލުންނާ ބައްދަލު ކުރައްވަން ވަނީ ނިންމާފަ އެވެ. -- އަލް އަރަބިއްޔާ