އިރުގެ އަލިން ލިއްބައިދޭ ވިޓަމިން ޑީ އަކީ ހިތުގެ ބަލިތަކަށް ފަރުވާއެއް ކަމަށް ދާދި ފަހުން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
ދަ ލީޑްސް ޓީޗިން ހޮސްޕިޓަލްގެ ޓީމަކުން ހިތުގެ ބަލިތަކުގައި ދިރިއުޅެމުން އަންނަ 163 މީހުން ހިމަނައިގެން ކުރިއަށް ގެންދިޔަ ދިރާސާ އިން ދައްކާފައިވާ ގޮތުން، ވިޓަމިން ޑީގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުކޮށް ދިނުމަށް ފަސޭހަވެ އެވެ.
ދިރާސާގައި ބައިވެރިކުރި މީހުންގެ އެވްރެޖް އުމުރަކީ 70 އަހަރު ކަމަށްވާ އިރު، އެންމެ ހޫނު މޫސުމުގައި ވެސް އެމީހުންގެ ހަށިގަނޑުގައި ވިޓަމިން ޑީ ހުންނަ މިންވަރު ދަށެވެ.
އެހެންކަމުން ދިރާސާ ކުރިއަށް ގެންދިއުމަށް އެ ދިރާސާގައި ބައިވެރިވި ކޮންމެ މީހަކަށް އެއް އަހަރު ވަންދެން ކޮންމެ ދުވަހަކު 100 މައިކްރޯގްރާމުގެ ވިޓަމިން ޑީ ގުޅައެއް ވަނީ ދީފަ އެވެ. އެއަށް ފަހު ކޮންމެ ވިންދަކާ އެކު ޕަމްޕު ކުރާ ލޭގެ މިންވަރު ވަނީ ބަލައިފަ އެވެ.
ވިޓަމިން ޑީ ގުޅަ ކެއުމުން ހިތުން ލޭ ޕަމްޕު ކުރާ މިންވަރު 26 ޕަސެންޓާ 34 ޕަސެންޓާ ދެމެދުގެ މިންވަރަކަށް އިތުރުވެފައިވާ ކަމަށް ދިރާސާ އިން ވަނީ ދައްކާފަ އެވެ.
"އުމުރުން ދުވަސްވުމުން ގެއިން ބޭރުގައި އުޅޭ ވަގުތަށް ވުރެ ގިނަ ވާނީ ގޭތެރޭގައި އުޅޭ ވަގުތު. އެހެންވީމަ އަވިން ހަށިގަނޑަށް ލިއްބައިދޭ ވިޓަމިންޑީގެ މިންވަރު އުމުރު މައްޗަށް ދާވަރަށް ދާނީ ދަށަށް. އެކަމަކު އެއީ ކީއްވެ ކަމެއް އަދި ނޭނގޭ،" ދިރާސާކުރި ޓީމުން ބުނެފައިވެ އެވެ.
ވިޓަމިން ޑީ އަކީ ކަށި ވަރުގަދަ ކުރުމަށާއި ދަތްތަކަށް އަދި ހަށިގަނޑަށް ވެސް ބޮޑެތި ފައިދާތަކެއް ލިއްބައިދޭ މާއްދާ އެކެވެ.
"މިއީ ވަރަށް ބޮޑު ކުރިއެރުމެއް. އަގުބޮޑު ޓުރީޓްމަންޓުތަކުން ވެސް ލިބޭނެ ފެންވަރުގެ ކުރިއެރުމެއް މިއީ. މިއީ އެހާ އަގުހެޔޮ އަދި ސައިޑް އިިފެކްޓެއް ވެސް ނުފެންނަ ފަރުވާއެއް. ފާއިތުވި 15 އަހަރުގައި ވެސް މިފަދަ ކަމެއް ފެނުނު ފުރަތަމަ ފަހަރު މިއީ،"
ދިރާސާ އިން ދެއްކި ގޮތުން، ވިޓަމިންޑީ ގުޅަ ބޭނުންކުރަން ފެށުމުން، ހިތުގެ މައްސަލަތައް ހުންނަ މީހުންގެ ހިތުގެ ސައިޒު ކުޑަވެ، ލޭ އުފެދުން އިތުރުވެގެންދެ އެވެ.
ދިރާސާގެ ސަބަބުން ހިތުގެ ބަލިތަކަށް އެކަށީގެންވާ ފަރުވާއެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ.