ކޮންމެ ދުވަހަކު ކަސްރަތު ކުރާނަމަ ހަށިގަނޑުގައި ކެންސަރު އުފެދުމުގެ ފުރުސަތު 30 ޕަސެންޓަ ކުޑަވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އުމުރު މައްޗަށް ދާ ވަރަކަށް ކެންސަރާއި ހަކުރު ބައްޔާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވާކަމަށް ސިއްހަތާބެހޭ ތަޖްރިބާކާރުން ވިދާޅުވެ އެވެ.
މިއިން ކޮންމެ ބައްޔަކީވެސް ދިރިއުޅުން ހަލާކުކޮށްލާ އަދި ފުރާނައަށް ނުރައްކާތެރި ބަލިތަކެކެވެ. ނަމަވެސް މީގެތެރެއިން އެންމެ ނުރައްކާތެރި ބައްޔަކީ ކެންސަރު ބައްޔެވެ. ކެންސަރު ބަޔަކީ ފަރުވާ ނުކުރެވިއްޖެނަމަ މަދު އަހަރުތަކެއްގެ ތެރޭގައި އިންސާނާގެ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ.
މިބަލިން ދިފާއުވުމަށް ރައްކާތެރިވުމަށްއޮތް އެންމެ ރަނގަޅު ގޮތަކީ ކާބޯތަކެއްޗަށް ސިއްޙީ ބަދަލުތައް ގެނައުމާއެކު ގަވައިދުން ކަސްރަތު ކުރުންކަމީ ކަމާބެހޭގޮތުން ކޮށްފައިވާ ހުރިހާ ދިރާސާތަކަކުންވެސް ހާމަވާ ކަމެކެވެ.
އެމެރިކާގެ ވެންޑަބިޓް ސެންޓަރ ފޯ އެޕިޑެމިލޮޖީ އާއި އެމެރިކާގެ ނާޝްވީލްގައި ހުންނަ ވެންޑަބިޓް އިންގްރާމް ސެންޓަރ ފޯ ކެންސަރ ގެ ޕްރޮފެސަރު ސާރާ ނެޝޫތާ ވިދާޅުވިގޮތުގައި ކޮންމެ ދުވަހަކު ކޮންމެވެސް އެއްވަގުތެއްގައި ކަސްރަތު ކުރާނަމަ ހަށިގަނޑުގައި ކެންސަރު އުފެދުމުގެ ފުރްސަތު 30 ޕަސެންޓަށް ކުޑަވާކަން އެއްދިރާސާއަށްވުރެ ގިނަ ދިރާސާއިން ހާމަވެފައިވެ އެވެ.
ކަސްރަތު ކުރުމުގެ ތެރޭގައި ޖިމަށް ގޮސްގެން ކުރާ ކަސްރަތުގެ އިތުރުން ދުވުމާއި މޫދަށް އެރި ފެތުމާއި ހިނގުމާއި އެކިބާވަތުގެ ކުޅިވަރުތައް ގަވައިދުން ކުޅުމާއި ބައިސްކަލް ދުއްވުންވެސް ހިމެނޭކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުންވެސް ގަވާއިދުން ކަސްރުތު ކުރުމުން އުމުރުން ދުވަސްވުމުގެ އަލާމާތްތައްވެސް ކުޑަވެ ދިފާއީ ބާރާއި ހަށިގަނޑުގެ ގުނަވަންތަކުގެ ބާރު ގަދަވެ އެކި ބާވަތްތަކުގެ ބަލިތައް ޖެހުންވެސް ކުޑަކޮށްދީ ނަފްސާނީ ހާލަތު ރަނގަޅު ކޮށްދީ މީހާ ދުޅަހެޔޮ ކޮށްދެ އެވެ.
ކަސްރަތުގެ ފައިދާ އެންމެ ބޮޑަށް ލިބޭނީ މަދުވެގެން ހަފްތާއަކު ހަތަރު ދުވަހު ނޫނީ ފަސްދުވަހު ވަކި ގަވާއިދަކުން ކަސްރަތު ކުރުމުން ކަމަށާ ދޭތެރެއަކުން ދިގުމުއްދަތަކަށް މެދުކަނޑާލަމުންދާ ނަމަ ކަސްރަތުގެ ފުރިހަމަ ފައިދާ ނުލިބޭނެކަމަށްވެސް މާހިރުން ވިދާޅުވެ އެވެ.