ވޮޝިންޓަން (02 މާޗް) ރަޝިއާގެ ރައީސް ވްލަމިިދިރް ޕުޓިންއަކީ ޑިކްޓޭޓަރެއް (ޚުދުމުހުތާރު ވެރިއެއް)ގެ ގޮތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ސިފަ ކުރައްވައިފި އެވެ.

ބައިޑަން މި މޭރުމުން ވާހަކަ ދައްކަވާފައިވަނީ އެމެރިކާގެ ކޮންގްރެސްގައި ބައިޑަން ދެއްވި ފުރަތަމަ ސްޓޭޓް އޮފް ޔޫނިއަން ހިތާބުގަ އެވެ.

މި ހިިތާބުގައި ބައިޑަން ވަނީ ރަޝިއާއަށް ކުރިމަތި ކުރުވަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވެސް ޕުޓިން ގޮތް ދޫނުކޮށް ހަނގުރާމައާއެކު ކުރިއަށް ދާތީ ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

"ރަޝިއާގެ ޑިކްޓޭޓަރެއްގެ ސަބަބުން މުޅި ދުނިޔެ ވަނީ ނުރައްކަލެއްގެ ތެރޭގައި،" ބައިޑަން ވިދާޅުވި އެވެ.

އެއާއެކު ދުނިޔެ ވަނީ ޑިމޮކްރަސީއާއި ޑިކްޓޭޓާޝިޕްއާ ދެމެދު ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ވެސް ބައިޑަން ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ބައިޑަން ވަނީ މި ހާލަތުގައި ޔޫކްރެއިންގެ ރައީސް ވޮލޮދިމީރް ޒެލެންސްކީއާއި އެ ގައުމުގެ ރައްޔިތުން ދައްކަމުންދާ ހިތްވަރަށް ތައުރީފުކޮށް ސާބަސް ދެއްވާފަ އެވެ.

މި ހިތާބުގައި ބައިޑަން ވަނީ އެމެރިކާގެ ސިފައިން ހަނގުރާމައިގައި ބައިވެރިވާން ޔޫކްރެއިންއަށް ނުދާނެ ކަން ޔަގީން ކޮށްދެއްވާފަ އެވެ.

"އެމެރިކާގެ ލަޝްކަރެއް ހަނގުރާމައަކަށް ނުނުކުންނާނެ. ނަމަވެސް އެމެރިކާއިން ތިބީ ޔޫކްރެއިންއާ އެކުގައި،" ބައިޑަން ވިދާޅުވި އެވެ.