ކަދުރަކީ އަހަރެމެންގެ އިސްލާމް ދީނުގައި ވަރަށް މާތް މޭވާއެއްގެ ގޮތުގައި އަންގަވާފައިވާ އެއްޗެކެވެ. ޚާއްސަކޮށް ރަމަޟާން މަހު އަހަރެމެންގެ ސުފުރާމަތިން ފެންނަ މި ބާވަތަކީ އޭގެ ސިއްހީ އެތައް ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ.
ގުދުރަތީ ހަކުރު ލިއްބައިދޭ
ކަދުރަކީ ސީދާ އޭގެ ރުކުން ކަނޑައިގެން ކާނަމަ ގުދުރަތީ ހަކުރު ލިއްބައިދޭ ވަސީލަތެކެވެ. އެހެންކަމުން އިތުރު ހަކުރު އެއްކުރުމުގެ ބޭނުން ކެނޑެ އެވެ. އެހެންކަމުން ކައްކާއިރު ހަކުރުގެ ބަދަލުގައި ކަދުރުކޮޅެއް ބޭނުން ކުރުމަކީ އެ ކެއުމުގައި ގުދުރަތީ ފޮނި ރަހަ އެކުލެވޭނެ ކަމެކެވެ.
ހިތުގެ ބަލިތަކާއި ހަކުރު ބަލިން ރައްކާތެރި ކޮށްދޭ
ކަދުރާ ބެހޭގޮތުން ހެދުނު ދިރާސާތަކުން ދައްކާގޮތުގައި ދުވާލަކު މަދުވެގެން ތިން ކަދުރު ކާމީހުން ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ކުޑަވެ އެވެ. މީގެ އިތުރުން ކަދުރަކީ ލޭގައި ހުންނަ ހަކުރުގެ މިންވަރާއި ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީވެދޭ އެއްޗެކެވެ.
މާބަނޑުވުމާއި ވިހެއުން ލުއިކޮށްދޭ
މާބަނޑު މީހުން ކަދުރު ކެއުމަކީ މާބަނޑު ދުވަސްވަރު ކުރިމަތިވާ ސިއްހީ އުނދަގޫތަކާއި ގުދުރަތީގޮތުން ވިހެއުމުގައި އަޅާވޭން ލުއިކޮށްދޭ ކަމެއްކަމުގައި ދިރާސާތަކުން ދައްކަ އެވެ. އެގޮތުން ކަދުރު ކެއުމަކީ ވިހެއުމުގެ ތެރޭގައި ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމެއް ކަމަށާއި ނިފާސްކަމުގެ ދުވަސްވަރު ކުރިމަތިވާ އުނދަގޫތަކަށް ވެސް ފަރުވާއެކެވެ.
ސިކުނޑި ތަނަވަސް ކޮށްދޭ
ދިރާސާތަކުން ދައްކާގޮތުގައި ސިކުނޑީގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ކަދުރަކީ ކާންޖެހޭ އެއްޗެކެވެ. ވިޓަމިން ބީ6 އަކީީ ކަދުރުގައި ހުންނަ ސިކުޑިއަށް ވަރަށް ބޭނުންތެރި މާއްދާއަކަށް ވާތީ ސިކުނޑީގެ ރައްކާތެރިކަމާ ހަނދާން ގަދަވުމާ ވިސްނުމުގެ ފެންވަރު ރަނގަޅުކޮށްދެ އެވެ. އަދި އެއްޗެހި ދަސްކުރުމުގެ ބާރު ގަދަކޮށްދެ އެވެ.
ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދޭ
ކަދުރު ކެއުމަކީ ހަޖަމުކުރުމުގެ ނިޒާމް ރަނގަޅު ކޮށްދޭ ކަމެކެވެ. ހަޖަމުގެ ނިޒާމް ހަމައަކަށް އަޅުވާކުމަށް ކަދުރަކީ މޮޅު ފަރުވާ އެކެވެ. ބަނޑު ހިކުމާއި ބަނޑަށް ތަދުވެ ހަޖަމުގެ ނިޒާމުގައި މައްސަލަ އުޅޭނަމަ ކަދުރަކީ އެކަމުގެ ފަރުވާ އެވެ. މީގެ އިތުރަށް ކެންސަރާއި ހަށިގަނޑުގެ އެތެރޭގެ ފާރުހުރުމުގެ މައްސަލަވެސް ރަނގަޅުކޮށްދެ އެވެ.
ލޭ މައްޗަށް ދިއުން ދުރުކޮށްދޭ
މެގްނޭސިއަމްއަކީ ލޭމައްޗަށް ދިއުން ކޮންޓްރޯލްކޮށްދޭ މާއްދާއަކަށް ވާއިރު ކަދުރުގައި މިމާއްދާ ގިނަ އަދަދަކަށް އެކުލެވިފައި ވުމުން ލޭ މައްޗަށްދިއުން ހުއްޓުވަ އެވެ. އަދި ހިތަށް ޕްރެޝަރު ކުޑަކޮށްދިނުމުގައި ހިތަށް ލޭ ފޮނުވާ ނާރުތަކުގެ މަސައްކަތް ރަނގަޅުކޮށް ދިނުމުން ލޭގެ ޕްރެޝަރު ހަމައަކަށް އެޅެ އެވެ.