ކޮލަމްބޯ (08 މާޗް) - ކޮއްތު ނުވަތަ ކޮއްތު ރޮށްޓަކީ ދުނިޔޭގެ އެކި ހިސާބުތަކުން ލިބެން ހުންނަ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލް ކެއުމެކެވެ. ދިވެހިންގެ މެދުގައި ވެސް މިއީ މިހާރު މަގްބޫލު ކެއުމެކެވެ.

ބައިނަލްއަގްވާމީ ގޮތުން ބަލައިގަނެފައިވާ ކޮއްތުއަކީ އަވަށްޓެރި ސްރީލަންކާއަށް ނިސްބަތްވާ ކެއުމެއް ކަމަށް ބުނެ ކޮއްތުގެ ޕެޓަންޓް ހޯދުމަށް އެ ގައުމުގެ މަޖިލީސް މެމްބަރަކު މިވަނީ ހުށައަޅައިފަ އެވެ.

މެމްބަރު ޗަރިތަ ހެރަތު ބުނެފައިވަނީ ޕިއްޒާ އިޓަލީއަށް ހާއްސަވާ ފަދައިން އަދި ބާގާ އެމެރިކާއަށް ހާއްސަވާ ފަދައިން ކޮއްތަކީ ލަންކާއަށް ހާއްސަވާ ކެއުމަކަށް ވާން ޖެހޭ ކަމަށެވެ.

މިކަމުގެ ސަބަބެއް ކަމަށް އޭނާ ބުނެފައިވަނީ ކޮއްތުގެ އަސްލު އުފެދިގެން އައިސްފައިވަނީ ސްރީލަންކާގެ ސަރަހައްދެއް ކަމަށްވާ ބައްޓިކަލޯ ކަމަށް ވުމެވެ.

ޗަރިތަ އިތުރަށް ބުނީ ކޮއްތުގެ ޕެޓަންޓް ހޯދުމަކީ ލަންކާގެ ތަރިކަ ރައްކާތެރިކޮށް އެހެން ގައުމުތަކަށް ފުޅާ ކުރުމުގައި ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ.

ކޮއްތުއަކީ އެކި ގައުމުތަކުގައި އެކި ގޮތަށް ތައްޔާރުުރާ ކެއުމަކަށް ވާއިރު ސްރީލަންކާއިން އެ ކެއުމުގެ ޕެޓަންޓް ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ.