ދިވެހިންގެ ތެރޭގައި ރާވެރިކަމަކީ އާއްމު މަސައްކަތެކެވެ. ނަމަވެސް ދިވެހި ގިނަ ރާވެރިންނަކީ ދެބައި އުމުރަށް ވުރެ މަތިވެ ރުއްރުކަށް އަރަން ދަތިތަކެއް ކުރިމަތިވާ ބައެކެވެ. ޅާނބެއް ބޭނުންކުރި ނަމަވެސް ނުވަތަ ރުއްރުކުގައި ހަރު ޖަަހައިގެން ވިޔަސް ރާއަރަން ރުކަށް އެރުމަކީ އުނދަގޫ ކަމެކެވެ.

މިފަދަ މީހުންނަށް އިންޑިއާގެ ދަނޑުވެރިއެއް ކަމަށްވާ ގަނަޕަތީ ބަޓް މިއޮތީ ހައްލެއް ހޯދައިދީފަ އެވެ. ފެން ފޯއް ރުއްތަކެއް ގެންގުޅޭ ގަނަޕަތީ މިވަނީ އޭނާގެ ދިގު ރުއްރުކަށް އެރުމަށްޓަކައި "ސްކޫޓަރެއް" އީޖާދުކޮށްފަ އެވެ.

ކަރްނާޓަކާގެ މެންގަލޫރަށް ނިސްބަތްވާ އުމުރުން 50 އަހަރުގެ ގަނަޕަތީއަށް މި ޚިޔާލު އައީ އުމުރުގެ ސަބަބުން ހަތަރެސް ފައިގައި ރުކަށް އަރަން އުނދަގޫވުމާއި ކުޑަ އުޖޫރައެއްގައި އޭނާއަށް މަސައްކަތް ކޮށްދޭނެ މަސައްކަތްތެރިން ނުލިބުމުގެ ސަބަބުންނެވެ.

2014 ވަނަ އަހަރުން ފެށިގެން މި ޚިޔާލު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ގަނަޕަތީއާއި އޭނާގެ އިންޖީނިއަރު ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރި އެވެ. މި ދިރާސާތަކަށް ހަތަރު މިލިއަން އިންޑިއާ ރުޕީސް ހޭދަވި ކަމަށް ގަނަޕަތީ ބުނެ އެވެ.

https://www.youtube.com/watch?v=DUOQea0JDtw

ގަނަޕަތީ ބުނީ އޭނާގެ ސްކޫޓަރު އުފެއްދުމުގެ މަސައްކަތް ކުރަމުން ދިޔައިރު ގިނަ ބަޔަކު އެކަމާ ސުވާލު އުފެއްދި ކަމަށާއި ވިއްސާރަ މޫސުމުގައި ސްކޫޓަރު ބޭނުން ނުކުރެވޭނެ ކަމަށް ވެސް ގިނަ ބަޔަކު ބުނި ކަމަށެވެ.

ނަމަވެސް ހިތްވަރު އެލުވާނުލައި ކުރި މަސައްކަތުން އޭނާ ވަނީ ކާމިޔާބު ކަމާއެކު އެހެން މީހަކަށް ބަރޯސާނުވެ ދަނޑުވެރިކަން ކުރެވޭނެ މި އާލާތް އުފައްދައި ބޭނުން ކުރަން ފަށައިފަ އެވެ.

އަމިއްލައަށް ބޭނުން ކުރުމުގެ އިތުރުން ގަނަޕަތީ އަންނަނީ އުމުރުން ދުވަސްވެފައިވާ އެހެން ދަނޑުވެރިންނަށް ވެސް މި ސްކޫޓަރު ހަދައިދީ ވިއްކަމުންނެވެ. މިހާތަނަށް 300 އަށްވުރެ ގިނަ ސްކޫޓަރު ވިކިފައިވާއިރު ކޮންމެ ސްކޫޓަރެއްގެ އަގަކީ 62،000 އިންޑިއާ ރުޕީސް އެވެ.

ގަނަޕަތީ ބުނި ގޮތުގައި އޭނާގެ މި އުފެއްދުމުން ގިނަ ބައެއްގެ ދިރިއުޅުން ފަސޭހަ ވެފައިވާތީ އެކަމާ ފަޚުރުވެރިވެ އެވެ. އަދި މިހާރު އޭނާގެ ދިރިއުޅުން ފުރިހަމަވެފައިވާ ކަމަށްވެސް ގަނަޕަތީ ބުނެ އެވެ.

މިފަދަ އުފެއްދުމަކީ މި ދިވެހި ރާއްޖޭގައި ވެސް ރުއްރުކަށް އަރައި އުޅުމަށް ވަރަށް ބޭނުންތެރި ފަސޭހަ އާލާތަކަށް ވާނެ އެވެ.