ރާއްޖެއިން ބޭރުގެ އޮންލައިން ބުކިން ޕްލެޓްފޯމްތަކާއި، ޓުއާ އޮޕަރޭޓަރުންގެ އިތުރުން ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭ ގޮތަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މި ބިލު މަޖިލީހުން ފާސްކުރީ 54 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ވެސް މި ބިލަށް ތާއީދުކުރެއްވި ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް އެ މެންބަރުން އެދިވަޑައިގެންނެވި އެވެ. ނަމަވެސް މުޅި މަޖިލީހުގެ ކޮމިޓީން ބިލު ފާސްކުރީ އިތުރު ފަރާތްތަކާ މަޝްވަރާކުރުމެއް ނެތި އެވެ.
ސަރުކާރުން ހުށަހެޅި މި ބިލުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި "ޑެސްޓިނޭޝަން ޕްރިންސިޕަލް" ތަންފީޒުކޮށް، ދިވެހިރާއްޖޭގައި ދާއިމީ ތަނެއް ނެތް ނަމަވެސް، ރާއްޖޭގެ އިންބައުންޑް ޓޫރިޒަމްގެ ހިދުމަތްތައް ވިއްކާ ބޭރުގެ ފަރާތްތަކުގެ އަތުން 17 އިންސައްތައިގެ ޓީޖީއެސްޓީ ނެގުމެވެ. އަދި ސަފާރީތަކުން ވިއްކާ ޗާޓަރު ދަތުރުތަކުން ޓެކްސް ނެގޭނެ އުސޫލުތައް ވެސް މި ބިލުގައި ވަނީ ސާފުކޮށްދީފަ އެވެ.
މި ބަދަލުތައް އަންނަ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާއިރު، ބޭރުގެ ވިޔަފާރިތަކުން ޓެކްސް ނަގަން ފެށުމުން ދައުލަތުގެ އާމްދަނީއަށް އަހަރަކު 1.6 ބިލިއަން ރުފިޔާ (104.1 މިލިއަން ޑޮލަރު) އިތުރުވާނެ ކަމަށް ސަރުކާރުން އަންދާޒާކުރެ އެވެ.
މީރާއިން ބޭރުގެ ޕްލެޓްފޯމްތަކާއެކު ފަސޭހައިން ޓެކްސް ދެއްކޭނެ ނިޒާމެއް ގާއިމުކުރަމުންދާ ވަރަކަށް މި އާމްދަނީ އިތުރަށް ފުޅާވެގެންދާނެ އެވެ.
"ސްޕައިޑަ މޭން: ދަ ބްރޭންޑް ނިއު ޑޭ" 2 ބިލިއަން ޑޮލަރު ކްލަބަށް!
ޑްރަގް މައްސަލައެއްގައި ވޮލީކުޅުންތެރިޔާ ފާޒިލް ހައްޔަރުކޮށްފި