އަހަރެމެންގެ މުޖުތަމައުގައި ލަހުން މީހަކާ ކައިވެނިކުރުމަކީ ވަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވާ ކަމެކެވެ. ޚާއްސަކޮށް އަންހެނުން ލަހުން ކައިވެނިކުރުމަކީ އެ ކަމެއްގެ މައްޗަށް ގިނަ ބަޔަކު ޚިޔާލު ތަފާތުވާ ކަމެކެވެ.
ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެންމެ ރަނގަޅުގޮތަކީ ވަރަށް ހަގު އުމުރެއްގައި ކައިވެނިކުރުމެވެ. އެ މީހުންގެ ސަބަބުތައް ވެސް އޮވެ އެވެ. ދަރިމައިވާން ފަސޭހަ ވާނެތީ އެވެ. ކައިވެނިން ބޭރުން ގޯސް އަމަލަކަށް އަރައިގެވިދާނެތީ އެވެ.
ނަމަވެސް ވިސްނާލަންޖެހޭ ކަމަކީ ހަގު އުމުރެއްގައި ކައިވެނިކުރުމަކީ ހުރިހާ ފަހަރަކު އެންމެ ރަނގަޅު ގޮތްކަމުގައި ނުވެ ހިނގައިދާނެ ކަމެވެ. އެއީ މުސްތަގްބަލަށް ގިނަ އަސަރުތަކެއް ކުރުވާނެ ކަމަކަށް ވެދާނެ ކަމެވެ.
ވަރަށް ހަގު އުމުރުގައި ކައިވެންޏަކާ ހިސާބަށް ގޮސް ކައިވެނި ރޫޅިފައިވާ ޒުވާނުން ވެސް އަހަރެމެންގެ ތެރޭގައި އުޅެ އެވެ. ކައިވެނިކޮށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއިލާއެއް ފަށައި، ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ހަގު ދެމަފިރިން ވެސް އެބަ އުޅެ އެވެ. ނުވަތަ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ޒުވާނުން ވެސް މަދެއް ނޫނެވެ.
އެންމެ މުހިންމުކަމަކީ ޒަވާޖީ ހަޔާތެއް ފަށާއިރު މި ފެށެނީ ކިހާ ވަރެއްގެ ކަމެއްކަން ދެ މީހުންނަށް ވެސް އެނގިފައި އޮތުމެވެ. ބޮލުގައި އަޅާ ޒިންމާ އުފުލަން ތައްޔާރުވެފައި ވާކަން ޔަގީންކުރުމެވެ. މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދިރިއުޅުން ކުރިއަށް ގެންދިއުމަށް މިނިވަންކަން ލިބިފައި އޮތުމެވެ. އެއްވެސް ޝައްކެއް ނެތް މިންވަރަށް ބައިވެރިޔާގެ އަޚުލާގާއި މިޒާޖު ދަސްވެފައި އޮތުމެވެ.
މި ސަބަބަށްޓަކައި އުމުރުން ދޮށިވުމަށްފަހު ވެސް އަލަށް ކައިވެނި ކުރުމަކީ ގޯސްކަމެއް ނޫނެވެ. އެހެނީ އެއީ ދިރިއުޅުމުގައި ނުރަނގަޅު މީހަކާ އަވަހަށް ކައިވެނި ކުރުމަށް ވުރެ ރަނގަޅު ގޮތެކެވެ.
އަހަރެމެންގެ މުޖުތަމައުގައި ލަހުން ކައިވެނި ކުރުމާމެދު އޮތް ވިސްނުން އޮތީ ބަދަލުކުރަން ޖެހިފަ އެވެ. ޒަވާޖީ ހަޔާތެއްގެ ޒިންމާ ނެގެންދެން އެކަން ފަސްކުރުމަކީ ހަމަ އެންމެ ބުއްދިވެރި ގޮތެވެ.
ރަގަޅުން ވާހަކަ. އެއް
ރަގަޅުން. ވާހަކަ އެއް
ޅައުމުރުގައި ކައިވެނި ކޮށްގެން ވީހާވެސް ގިނަ ދަރިން ހޯދައިގެން ސޯލިހް ދަރިފަސްކޮޅެއް ބިނާ ކުރީމާ ދެދުނިޔާގައިވެސް ފައިދާ ބޮޑުވާނެ !