ވަކި މީހެއް އިސްތިސްނާ ނުކޮށް ޤާނޫނު ހިންގަންޖެހޭ ކަމަށާއި މިކަމުގައި އިހުމާލުވާ ފަރާތްތަކާއި މެދުގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިސްތިހާރުކުރަމުން އަންނަ ކިންގްސް ފޮރެކްސް "އިންވެސްޓްމަންޓް ސްކީމް"ގެ އެކައުންޓް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފްރީޒްކޮށްފައިވަނިކޮށް ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކި މީހެއް އިސްތިސްނާ ނުކޮށް ގާނޫނު ހިންގަންޖެހޭ ކަމަށެވެ. އަދި މިކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ޑރ. ޖަމީލް ވަނީ ގޮވާލައްވާފަ އެވެ.
"ބޮޑު ފްރޯޑް ސްކީމާ ދެކޮޅަށް އެމްއެމްއޭއިން ފިޔަވަޅު އެޅިއިރު އެންމެ މުހިންމީ އާންމުން ސަލާމަތްކުރަން ކުށްކުރި ބައެއް ހާމަކުރުން. ފުލުހުންވެސް މިކަމުގެ ޖިނާޢީ ތަޙްޤީޤް ކުރާކަން ހާމަކުރަންޖެހޭ. ފިޔަވަޅު އަޅަން ގޮންޖެހުން ހުރީބާ؟" ޑރ. ޖަމީލް ވިދާޅުވި އެވެ.
އެމްއެމްއޭއިން ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ހިންގާ ސްކީމްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. މަރުކަޒީ ބޭންކުން ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، ފޭސް ބުކާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކީމެއްގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާކަމަށެވެ.
އެކަމާ ގުޅިގެން އަލްހާން ވިދާޅުވީ ރާއްޖޭގައި ބޮޑު ފްރައުޑެއް ހިންގާކަމަށް ބުނެ ބޭންކް އޮފް މޯލްޑިވްސް އިން ފްރީޒްކުރީ އޭނާގެ ކުންފުނީގެ އެކައުންޓް ކަމަށެވެ. އަދި އެ މައްސަލާގައި ދައުވާކުރާނެ ކަމަށްވެސް އަލްހާން ވަނީ ވިދާޅުވެފަ އެވެ.