ބޮޑު އަގު ނަގާ ޓެކްސީތަކާއި ސެންޓަރުތަކަށް ފިޔަވަަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާސްޕޯޓް މިނިސްޓްރީން ދީފި އެވެ.

ބައެއް ޓެކްސީ ތަކުންނާއި ސެންޓަރުތަކުން އެ މީހުން ކަނޑައަޅާފައިވާ ބޮޑު އަގުގައި ދަތުރު ކުރަން ފެށިތާ 24 ގަޑިއިރު ފަހުން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޓެކްސީ ހުއްދަ ދިނުމާއި އަގު ކަނޑައެޅުމަކީ ހިދުމަތް ހޯދާ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރެވޭ ގޮތަށް ކަނޑައަޅާފައިވާ ކަމެއް ކަމަަށެވެ. ޓެކްސީ ގަވާއިދުގެ ދަށުން ކަނޑަައަޅާފައިވާ އަގަށް ވުރެ ބޮޑު އަގެއް ނުނެގުމަށާއި ޓެކްސީ ހިދުމަތަށް ބުރޫނާރާނެ ގޮތަށް ހިދުމަތް ދެމުން ގެންދިއުމަށް އިލްތިމާސް ކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ގަވާއިދުން ބާރު ލިބިގެން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގު ނަގާ ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓެކްސީ ކުރުމުގައި އަގުތައް ކަނޑައެޅުމަކީ ޓެކްސީ ސެންޓަރުތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ގާނޫނީ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއަށް އޮންނަ ބާރެއް ކަމަށެވެ. އަދި ޓެކްސީ ކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ގަވާއިދާ ޚިލާފުވާ ޓެކްސީ ސެންޓަރާއި ޑްރައިވަރުންގެ އަދަބަކީ ފުރަތަމަ ފަހަރަށް 500 ރުފިޔާއިން އަދި ދެވަނަ ފަހަރަށް ނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި އިތުރަށް ކުށް ތަކުރާރުކޮށްފިނަމަ އެ ފަރާތެއްގެ ލައިސަންސް ބާތިލްކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެ އެވެ.

ޓެކްސީކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑު އަގު ނަގާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވެސް ވަނީ ދީފަ އެވެ. ފުލުހުންގެ ރޯޑް ޕޮލިސް ފޭސްބުކް ޕޭޖުގައި ފުލުހުން ވަނީ ޓެކްސީ ޑްރައިވަރުންނަށް ނެގޭނެ އަގުތައް ހާމަކުރުމަށް ފަހު ޕޯސްޓެއް ކޮށްފަ އެވެ. އެ ޕޯސްޓްގައި، ޓެކްސީތަކުން ނަގަންޖެހޭ އަގުތައް ހަނދާންކޮށްދީފައިވެ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ އެކު ރާއްޖޭން ވެސް ތެޔޮ ގަންނަ އަގު ބޮޑުވެ ޓެކްސީ ދުއްވާ ފަރާތްތަކުގެ އާމްދަނީން ބޮޑު ހަރަދެއް ތެލަށް ކުރަންޖެހޭއިރު ދަތުރުތަކުގެ އަގަށް ސަރުކާރުން ބަދަލެއް ގެނެސްދޭން ދެކޮޅު ހަދާތީ ކަމަށްބުނެ ޓެކްސީ ކުރާ ފަރާތްތަކުން ވަނީ އިހްތިޖާޖު ކޮށްފަ އެވެ. ބައެއް މީހުން ބުނީ އެ މީހުން ޓެކްސީ ކުރަނީ ބައެއް ބޭންކުތަކުން ލޯނު ނަގައިގެން ގަނެފައިވާ ކާރު ބޭނުންކޮށްގެން ކަމަށާއި ތެޔޮ އަގު ބޮޑުވެ ލިބޭ އާމްދަނީ ދަށްވިއިރު ލޯނާ މެދު ވެސް ސަރުކާރުން ލުއި ގޮތްތަކެއް ހަދައިދީފައި ނުވާ ކަމަށެވެ.

ޓެކްސީ ޑްރައިވަރުން ވަނީ އެ މީހުންގެ އަމިއްލަ އަގުތަކެއް ކަނޑައެޅުމަށްފަހު ސަރުކާރުން ހުއްދަ ނުދިން ނަމަވެސް ބޮޑު އަގުގައި ޓެކްސީ ދަތުރު ކުރަން ފަށާފަ އެވެ.