އިންޓަޕޯލްގެ ވެބްސައިޓަށް އޭނާ ހައްޔަރު ކުރުމަށް ރެޑްނޯޓިސް ލާނެ ވަގުތެއްގެ އިންތިޒާރެއްގައި ހުރި ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ދައުވާ ލިބޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނައުމަށް ކުރާ މަސައްކަތުގައި އޭނާ ހޯދަން އިންޓަޕޮލްގެ ރެޑް ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން މިމަހުގެ ކުރީކޮޅު ވަނީ ހާމަކޮށްފަ އެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް އައިރުވެސް އިންޓަޕޮލް ވެބްސައިޓްގައި އަލީ ވަހީދު ހައްޔަރު ކުރުމަށް ނެފައިވާ ރެޑް ނޯޓިސް އާއްމުކޮށްފައިނުވެ އެވެ.
އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވަނިކޮށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ވަނީ ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ގޮސްފަ އެވެ. އަދި ރާއްޖެ ވަޑައި ނުގެން އިނގިރޭސި ވިލާތުގައި ހުންނަވާތަ މިހާރު ވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވަފަ އެވެ.
މިކަމާއި ގުޅީގެން އަލީ ވަހީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އޭނާ މިވަގުތު ހުންނެވީ ވެބްސައިޓަށް ނޯޓިސް ލާނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށެވެ. އަދި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ލަންޑަނުގެ ކޯޓެއްގައި އޭނާއަކީ ކުށްވެރިއެއްކަމަށް ބުނެ ވާހަކަ ދައްކާ މަންޒަރު ބަލަން ކެތްމަދުވެފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ރެޑްނޯޓިސް ވެބްސައިޓަށްލާނެ ވަގުތެއްގެ އިންތިޒާރުގައި އެބަހުރިން. އަދި ޕީޖީޝަމީމް އެކްސްޓްރެޑިޝަނަށް ލަންޑަނުގެ ކޯޓަށް ވަޑައިގަންނަވާނެ ވަގުތަކަށް ކެތްމަދުވެފަ އެބަހުރިން. “15 އަންހެނުން” 13 ފިރިހެނުންނަށާއި އެ މީހުންއަޅާ ދެ ބެލްޓަށްވާ ތަން ދުނިޔެއަށް ހާމަވާނެ! ކާމިޔާބުވަނީ ކައިރީގަ." އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް މުއްދަތެއް ނެތްގޮތަށް ކޯޓުން ޕާސްޕޯޓް ދޫކޮށްލީ އެ މައްސަލާގައި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ ޖާމިނުވުމުންނެވެ. އަސްހަދު ޖާމިނުވެފައިވަނީ ހަތަރު މަސްދުވަހުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ވަޑައިނުގެންފިނަމަ ޒިންމާ އަސްހަދު ނަގާ ގޮތަށެވެ. އަލީ ވަހީދު ރާއްޖެ ވަޑައިނުގަތުމާއި އަސްހަދު 15 ދުވަހަށް ޖަލަށްލުމަށްވެސް ކޯޓުން ހުކުމްކުރި އެވެ.