އަލްހާން ފަހުމީގެ ކިންގްސް ފޮރެކްސް "އިންވެސްޓްމަންޓް ސްކީމް" ހިންގާ ކުންފުނީގެ އެކައުންޓް ފްރީޒްކޮށް، އަދި މަނީލޯންޑާކުރާކަމުގެ ތުހުމަތުގައި، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން މައްސަލަ ބަލަމުން ދާތީ ބީއެމްއެލް އާއި އެމްއެމްއޭއަށް ދައުވާކުރުމަށް ނިންމާފައިވާ ކަމަށް އަލްހާން ވިދާޅުވެއްޖެ އެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންސްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލްހާން ވަނީ އެ ދެ ފަރާތަށް ވެސް އެކި ކަހަލަ ތުހުމަތުތައް ކުރައްވައި، ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ފްރޯޑް ސްކީމެއް ހިންގާތީ ސަމާލުވުމަށް އެމްއެމްއޭއިން ބުނެފައިވަނީ ސީދާ އެކުންފުންޏަށް އަމާޒުކޮށް، ކުންފުނި ފްރޭމްކުރުމަށް ރާވައިގެން ކަމަށް އަލްހާން ވިދާޅުވި އެވެ. އަދި އެބަޔާން ނެރުމާއި އެކު އެއީ އަލްހާންގެ ސްކީމް ހިންގާ ކުންފުންޏަށް އަމާޒުކޮށް ނެރުނު ބަޔާންތަކެއްކަން އަލްހާންއަށް އެނގުނުކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑަށް ފާހަގަވެގެންދިޔަ ވަރަށް ބޮޑު ޕްރޮޕަގެންޑާއެއް ގޮތަށް އަޅުގަނޑާ ދެކޮޅަށް ކުރި ކަމެއް ކަން،" އަލްހާން ވިދާޅުވި އެވެ.
އޭގެ އިތުރުން އެއްވެސް ނޯޓިސް އަކާއި ނުލައި ބޮޑު ވިޔަފާރިއެއްގެ އޮޕަރޭޝަން ބީއެމްއެލްއިން ހުއްޓުވާލުމަކީ ވަރަށް ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިވި ކަމެއް ކަން ފާހަގަކުރައްވަމުން އަލްހާން ވަނީ އެ ބޭންކަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ.
"އަޅުގަނޑަށް އިނގޭ، އިނގޭތޯ ދުނިޔޭގެ އެކި ހިސާބުތަކުގައި، ކެސީނޯތަކުގައި ކެސީނީ ކުޅޭ މީހުން. ކެސީނޯ ކުޅެފައި ހޯދާ ލާރި ވެސް ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތައް މެދުވެރިވެގެން ޓްރާންސްފާކޮށް، ޓްރާންސެކްޝަން ހިންގަމުންދާކަން. ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ހުރިހާ ކަމެއް ވެސް ކުރަނީ،" އަލްހާން ވިދާޅުވި އެވެ.
ހަމައެހެންމެ އޮންލައިން ޓްރޭޑް ކުރުމަށް ދިވެހި ރާއްޖޭގައި ވަކި ގާނޫނެއް ކަނޑަނާޅާކަން ފާހަގަކުރައްވައި އަލްހާން ވިދާޅުވީ ޕޮންޒީ ސްކީމް ހިންގަނީ އެ ކުންފުނިން ނޫން ކަމަށާއި، ބީއެމްއެލް އަދި އެމްއެމްއޭ އިން ކަމަށެވެ. އަދި އެކަމާ ގުޅިގެން ނުރުހުން ފާޅުކުރަމުން އަލްހާން ވަނީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފަ އެވެ.
"ޕޮންޒީ ސްކީމް އަކީ ބޭންކް އޮފް މޯލްޑިވްސް. ޕޮންޒީ ސްކީމެއް މިހިންގަނީ ދިވެހި ދައުލަތުން. އަޅުގަނޑު ހަމަ މިހާރުން މިހާރަށް މިގޮވާލަނީ އެމްއެމްއޭގެ ގަވަރުނަރު އިސްތިއުފާ ދެއްވުމަށް. އަޅުގަނޑު ދަންނަވަން އޮތީ މަނިކުފާނަކީ މި ޒަމާނުގެ ވިޔަފާރިޔާ، ޒަމާނީ ބޭންކިން ސިސްޓަމަށް ފިޓް ބޭފުޅެއް ނޫނޭ. މަނިކުފާނު ގެންގުޅުއްވަނީ މާކުރީގެ ފޮތްތަކެކޭ،" އަލްހާން ވިދާޅުވި އެވެ.
"އެހެންވިމާ އަޅުގަނޑު މިހާރު ބެންކް އޮފް މޯލްޑިވްސް އާއި، އެމްއެމްއޭ މައްޗަށް، އަޅުގަނޑު ގަސްތުކުރަނީ ދައުވާކުރަން. މިކުންފުނިން މި ގަސްތު ކުރަނީ މިކަމުގެ ސަބަބުން ކުންފުނީގެ ގުޑް ވިލް ގެއްލި، އަޅުގަނޑުމެންގެ އަބުރު ގެއްލި، އަދި މިކަމުގެ ސަބަބުން ލިބުނު ބޮޑު މާލީ ގެއްލުމުގެ ބަދަލު ހޯދަން ބެންކް އޮފް މޯލްޑިވްސް އަށާއި އެމްއެމްއޭއަށް ދައުވާކުރަން އަޅުގަނޑުމެން މި ނިންމީ."
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި ހިންގާ މިފަދަ ބައެއް ސްކީމްތަކުން މިހާތަނަށް 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވެ އެވެ.
އެމްއެމްއޭއިން ބުރާސްފަތި ދުވަހުގެ ރޭ ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، މި ސްކީމް ހިންގަމުން ދަނީ ސޯޝަލް މީޑިއާ ނެޓްވޯކްތައް ކަމަށްވާ ފޭސްބުކާއި ޓެލެގްރާމް ފަދަ ނެޓްވޯތަކުގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަނެއްކާވެސް އަނެއް ދީބާޖާ ކުޅިކުޅެގެން ލާރިގަނޑެއް ދަމައިގަންނަން ރާވަނީއެވެ. އަޅެ ހަލާލު މަސައްކަތެއް ކޮއްގެން ދިރިއުޅެން ނޭގެނީ ހެއްޔެވެ؟ މަދީނާއަށް ކިޔަވަން ގޮސް ތިބި މީހުން ތިގޮތަށް އުޅެންހެދީމާ އެ މާތް ރަށަށްވެސް އެތަނުން އެގުނު އެއްޗަކަށްވެސް ތިޔަ ކުރަނީ މަލާމާތެވެ.