ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި "އިންޑިއާ އައުޓް" ނަމުގައި ކުރިއަށް ގެންދަވާ ހަރަކާތާ ގުޅިގެން އެމަނިކުފާނު ހައްޔަރު ކުރަން ގޮވާލައި ކާށިދޫ ދާިއރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ކުއްލި މައްސަލަ އަށް ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި 27 މެމްބަރުން ވޯޓު ދެއްވީ ބަހުސް ކުރަން ނުފެންނަ ކަމަށެވެ. އަދި ހަތަރު މެމްބަރަކު ވޯޓު ދެއްވާފައި ވަނީ ބަހުސް ކުރަން ފެންނަ ކަމަށެވެ.

މިމައްސަލާގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޢިބްރާހިމް މުޙައްމަދު ސާލިހް ރާއްޖެއަށް މިގެނެސް ދެމުންދާ ތަރައްގީއާއި ތަމައްދުންގެ ބާރު ދުވެއްޔަކީ ދުވަހަކުވެސް ރާއްޖެއިން ފެނިފައި ނުވާ ފަދަ ލާމަސީލު މިސާލެއް ކަމަށެވެ. ނަމަވެސް ނާތަހުޒީބު ގައުމު ތަކުގައި ޢަމަލު ކުރަމުންދާ ޑްރަގް ޑީލަރުން ފަދައިން ރަޢީސް ޔާމީން ކޮށްފައިވާ ވައްކަން ތަކާއި ޖަރީމާތައް ފޮރުވުމަށްޓަކައި "އިންޑިއާ އައުޓް" ގެ ނަމުގައި ރާއްޖޭގައި ހިންގަމުންދާ ހަރަކާތަކީ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އަޚު ވަންތަކަން ގެއްލުވާލާ، އަވަށްޓެރި ގައުމު ތަކުން ރާއްޖެއަށް ވެދެއްވަމުންދާ އެހީތެރިކަން ނަގާލާ ރާއްޖޭގެ ތަރައްޤީއަށް ހުރަސް އެޅޭ ކަމެއްކަމަށެވެ.

"ގާނޫނާއި ގަވައިދުގެ ތެރެއިން ރާއްޖޭގެ އަސްކަރިއްޔާ މެދުވެރިކޮށް ރައީސް ޔާމީން ހައްޔަރުކޮށް ބަންދު ކުރުމަށް ގޮވާލައި ހުށަހަޅަން،" ޖާބިރުގެ ކުއްލި މައްސަލައިގައިވެ އެވެ.

ޖަކުން މިނިވަންވެ ވަަޑައިގެންނެވި ފަހުން އިދިކޮޅު ލީޑަރު ރައީސް ޔާމީން ގެންދަވަނީ އެމަނިކުފާނު އިސްކޮށް ހުންނަވާ އިންޑިޔާ އައުޓް ހަރަކާތް ވަރުގަދަ ކުރައްވަމުން ނެވެ.