އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ އަކީ އެގައުމުގެ ތާރީޚުގައި އެންމެ ގިނަ ދުވަސް ވަންދެން ރަސްކަން ކުރެއްވި ބޭފުޅާ އެވެ. އެކަމަނާގެ ރަސްކަމުގެ އަލިމަސް ޖުބިލީ މިއަހަރު ފާހަގަ ކުރަމުން ދާއިރު ރަސްކަމުގެ ގިނަ ކަންކަން ވެސް ވަނީ އެކި ދުވަސްވަރު މަތިން ބަދަލުވެފަ އެވެ.

އެގޮތުން މިވަގުތު އެންމެ ފާހަގަ ކުރެވޭ ބަދަލަކަށް ފެންނަނީ އެކަމަނާގެ ޝާހީ ގަނޑުވަރު ކޮޅެވެ. ރަސްކަމުގެ ވަރަށް ފަހަކާ ޖެހެންދެން އެލިޒަބަތު ދިރިއުޅުއްވަމުން އައީ ބަކިންހަމް ޕެލެސްގައި ނަމަވެސް ދެން އެ ގަނޑުވަރަށް އެނބުރި ނުދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ނިންމުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ބެލެވެނީ ކޮވިޑް 19 ޕެންޑެމިކް ފެށުނީއްސުގެ އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަ ވަންދެން ދިރިއުޅުއްވީ ވިންޑްސޯ ކާސަލްގައި ކަމަށް ވެފައި އެކަމަނާއަށް ފިރިކަލުންގެ އެންމެ ފަހުގެ ހަނދާންތަކާ އެ ގަނޑުވަރު ގުޅިފައި ވުމެވެ.

ހަމައެއާއެކު ދިހަ އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށް ގެންދާ މަރާމާތުގެ މަސައްކަތްތަކެއް ވެސް ބަކިން ހަމް ޕެލެސްގައި ހުރުމާއެކު އެލިޒަބަތުއަށް އެގަނޑުވަރު ކޮޅުގައި އުޅުއްވަން ދަތިވާނެ އެވެ.

އެހެން ކަމުން ދެން ރާނީ އެލިޒަބަތުގެ ދާއިމީ ރަސްމީ ޝާހީ ގަނޑުވަރު ކޮޅަކަށް ވާނީ ވިންޑްސޯ ކާސަލް ކަމަށާއި ބަކިންހަމް ޕެލެސްއަށް ވަޑައިގަންނަވާނީ ރަސްމީ ޒިންމާ ތަކުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބަކިންހަމް ޕެލެސްއަކީ އިނގިރޭސި ޝާހީ އާއިލާ ޒަމާނުއްސުރެ ދިރިއުޅެމުން އައި ރަސްމީ ގަނޑުވަރު ކޮޅެވެ. އެ ގަނޑުވަރުގައި އެއާއިލާގެ އެތައް ޖީލެއް އުޅެފައިވެ އެވެ.