ހަރުކަށި ފިކުރުގެ ބަޔަކު ޓެރަރިޒަމްގެ ހަމަލައެއް ދޭން އުޅުނީ ތ. ތިމަރަފުށީގައި ކަމަށް ބުނާ ވާހަކަތައް ފުލުހުން މިއަދު ދޮގުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ ފުލުހުން އިއްޔެ ހުއްޓުވާފައި ވަނީ ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރޭވި ހަމަލާއެއް ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވަނީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ.

ފުލުހުން ބުނީ ރާއްޖޭގެ ތިން ސަރަހައްދަކުން މީހުން ހައްޔަރުކޮށް ތަންތަން ބަލާ ފާސްކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަން އަދިވެސް ކުރިޔަށްދާ ކަމަށެވެ.

"އޮޕަރޭޝަން ކުރިއަށްދާ މިންވަރަކުން މައުލޫމާތު ފުލުހުން ހާމަކުރަމުންގެންނެކަމުގައި ދަންނަވަމެވެ. އަދި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމާ ގުޅުން ހުރި މިފަދަ ހައްސާސް މައްސަލަތަކުގައި ކަމާގުޅޭ އިދާރާތަކުން ހާމަކުރާ ސައްޙަ މައުލޫމާތު ނޫނީ ނުފެތުރުމަށް މީޑިއާތަކަށް އިލްތިމާސް ކުރަމެވެ." ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ރޭ ބުނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެއަމަލު ހުއްޓުވާފައިވާ ކަމަށެވެ. އަދި ފުލުހުން ހަރަކާތްތެރިވަމުންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީގައި އަދި ތ. ތިމަރަފުށީގައި ކަމަށެވެ. އަދި މި އޮޕަރޭޝަންގައި މާލެ އިން މީހަކު، ކަނޑުމަތީ އޮތް ދޯންޏަކުން ތިން މީހަކު އަދި ތިމަރަފުށިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.