ލީގަލް ކައުންސިލް ޓު ދަ ޕްރެޒިޑެންޓްގެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ އަފީފް އެ މަގާމުން ވަކިކުރައްވައިފި އެވެ.

އަހުމަދު މަގާމުން ވަކިކުރައްވާ އޭނާއަށް މިއަދު އެކަން ވަނީ އަންގާފަ އެވެ.

އަހުމަދު މަގާމުން ވަކިކުރައްވާފައިވަނީ އޭނާއާ ގުޅޭ ސީރިއަސް މައްސަލަތަކެއް ފެންމަތިވެ މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރައްވާފައި ހުންނަތާ އެތައް މަހެއް ފަހުންނެވެ.

ނަމަވެސް އަފީފް މިއަދު އެ މަގާމުން ވަކިކުރެއްވި ކަން ކަށަވަރުވެފައި ވިޔަސް، އެއީ ކީއްވެގެން ކަން ސާފެއް ނުވެ އެވެ. އެކަމާ ބެހޭގޮތުން ރައީސް އޮފީހުން ވެސް ވަކި އެއްޗެއް ނުބުނެ އެވެ. އެ މަގާމަށް ބޭފުޅުން އައްޔަންކޮށް އަދި ވަކި ކުރައްވަނީ ރައީސެވެ.

އަހުމަދުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގޮތް ނިންމަވާ އޭނާ މަގާމުން ވަކިކުރައްވާ ޗީފް އޮފް ސްޓާފް މެދުވެރިކޮށް އެކަން އޭނާއަށް އަންގާފައިވާ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކޮށްފައިވަނީ އޭނާއާ ގުޅޭ މައްސަލަތައް ބަލަމުން ދަނިކޮށް އެކަމާއި ގުޅޭ އިތުރު މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެންނެވެ.

އަހްމަދު މަގާމުން ވަކިކުރައްވާފައި ވަނީ އޭނާއާ ގުޅޭ ބައެއް ތުހުމަތުތަކަށް ފަހު އޮފީހަށް ޥެސް ވަޑައިނުގެން ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް އަޑުއަރާފައިވާތާ އެތައް ދުވަހެއް ފަހުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ނަންތައް އެ އޮފީހުގެ ވެބްސައިޓުން ފެންނަން ހުރިިއިރު އަފީފުގެ ނަން މިހާރު ވަނީ އެ ލިސްޓުން އުނި ވެސް ކޮށްފަ އެވެ.