ސްކޫލުތަކުގައި އަންނަ ރޯދަމަހު ކިޔަވައިދޭނީ ތިން ގަޑިއިރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މި މަހުގެ ހަތް ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުއްވި ސާކިއުލާގައި ބުނެފައިވަނީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތައް ފަށާނީ ހެނދުނު 8:30 އާއި 9:00 އާ ދެމެދުގައި ކަމަށެވެ. ދެ ދަންފަޅީގެ ސްކޫލުތަކުގެ ގަޑިތައް ހެނދުނު 8:30 އާއި މެންދުރު ފަހު 3:00 އާ ދެމެދު ހަމަޖެއްސުމަށް އެ ސާކިއުލާގައި ސްކޫލުތަކަށް ވަނީ އަންގާފައިވެ އެވެ.

އެލްކޭޖީ އަދި ޔޫކޭޖީގައި ކިޔަވާ ކުދިންނަށް ކިޔަވައިދޭނީ އެއް ގަޑި 30 މިނެޓު ވަންދެން ކަމަށް ސާކިއުލާގައިވެ އެވެ. ގްރޭޑު އެކެއް އިން ހައެއް ގެ ކުދިންނަށް ދެ ގަޑި 30 މިނެޓު އަދި ގްރޭޑު 7 އިން މަތީގެ ކުދިންނަށް ތިން ގަޑިއިރު ކިޔަވައިދޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ. މާއްދާއެއް ކިޔަވައިދޭ ވަގުތުގެ ދިގުމިން 30މިނެޓާއި 45 މިނެޓާ ދެމެދަށް ފައްތަން ވެސް ސާކިއުލާގައި ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން މަދުވެގެން ދެ ހަފުތާ ތެރޭގައި ހުރިހާ މާއްދާ ކިޔަވައިދެވޭނެ ގޮތަކަށް އިންތިޒާމު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސުކޫލުތަކަށް އަންގާފަ އެވެ.

އެކަންކަމުގެ އިތުރުން ދަންފަޅިތައް ރާވާއިރު ހަތަރު ގަޑިއިރަށް ވުރެ ދިގު ނުވާނެހެން ޓީޗަރުންގެ މަސައްކަތުގަޑި ހަމަޖެއްސުމާއި ހަވީރު 4:00 އިން ފެށިގެން 9:00 އަށް ސްކޫލުގެ އެއްވެސް އިތުރު ހަރަކާތެއް ނުހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާގައި ވަނީ އަންގާފަ އެވެ.

ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ކިޔަވައިދޭނީ ރޯދަ މަހުގެ ގަޑިތަކާ އެއްގޮތަށް ކަމަށް ވެސް އެޑިއުކޭޝަންގެ ސާކިއުލާގައި ބުނެފައިވެ އެވެ.