ބްރަސެލްސް (25 މާޗް) - ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދުތައް ހިމެނޭ ގްރޫޕް އޮފް 20 (ޖީ20)ގެ ގައުމުތަކުން ރަޝިއާ ބޭރު ކުރަން ޖެހޭ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
ބައިޑަން މިހެން ވިދާޅުވެފައި މިވަނީ ބެލްޖިއަމްގެ ބްރަސެލްސްގައި އޮތް ނޭޓޯގެ ސަމިޓެއްގެ ތެރެއިން މި ކަމަށް އަލި އަޅުވާލެވުމުންނެވެ.
"ޖީ20 އިން ރަޝިއާ ބޭރު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރަން. އެއީ މި ޖަމާއަތުގެ މެމްބަރުންގެ މައްޗަށް އޮތް ކަމެއް،" ބައިޑަން ވިދާޅުވި އެވެ.
ނަމަވެސް މިކަމަށް އިންޑޮނޭޝިއާ ފަދަ ގައުމުތަކުން އެއްބަސް ނުވާނަމަ ޖީ20ގެ ބައްދަލުވުން ތަކުން ޔޫކްރެއިންއަށް ޖާގަ ދޭން ޖެހޭ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.
ބައިޑަންގެ މި ވާހަކަ ފުޅަކީ ރަޝިއާއިން ޔޫކްރެއިންއަށް އަރައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރަޝިއާއަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ދެއްކެވި ވާހަކަ ފުޅެކެވެ.
ރަޝިއާއިން ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފެށިތާ މަހެއް ވެފައިވާއިރު އެގައުމުން ވަނީ ޔޫކްރެއިންއިން ފައިބާނީ ބޭނުންވާ ކަންތައް ހާސިލް ކުރެވެމުން ކަމަށް ބުނެފަ އެވެ. -- ރޮއިޓާސް