ވޮރްސޯ (27 މާޗް) - ޔޫކްރެއިންގައި ރަޝިއާއިން ކުރަމުން އަންނަ ހަނގުރާމައަކީ ފެއިލް ވެފައިވާ ސްޓްރެޓެޖީއެއް ކަމަށާއި ރަޝިއާގެ ރައީސްކަމުގައި ވްލަޑިމީރް ޕުޓިންއަށް ވެރިކަމުގައި ނުހުރެވޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
ބައިޑަން މިހެން ވިދާޅުވެފައި މިވަނީ ޕޮލެންޑްގެ ވާސޯގައި އިއްޔެ ބޭއްވި ނޭޓޯ ސަމިޓްގައި ތަގުރީރު ކުރައްވަމުންނެވެ.
ރަޝިއާއާ ދެކޮޅަށް ޔޫކްރެއިންއިން ދައްކަމުންދާ ހިތްވަރަކީ ކުރީގެ ސޮވިއެޓް ޔޫނިއަންގެ ކިބައިން މިނިވަންކަން ދިފާއުކުރުމަށް ގައުމުތަކުން ދެއްކި ހިތްވަރު ކަމަށް ބައިޑަން ވިދާޅުވި އެވެ.
"އަހަރުމެން މިތިބީ ޔޫކްރެއިން ރައްޔިތުންނާ އެކުގައި،" ބައިޑަން ވިދާޅުވި އެވެ.
ރަޝިއާގެ އާއްމު ރައްޔިތުންނާ މުހާތަބުކޮށް ބައިޑަން ވިދާޅުވީ އެ ރައްޔިތުންގެ ކުށެއް ނެތް ކަމަށާއި ޕުޓިންގެ އަމަލުތަކުގެ ސަބަބުން އާއްމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭތީ ހިތާމަކުރައްވާ ކަމަށެވެ. އޭގެ އިތުރުން ވެސް ބައިޑަން ވަނީ ޕުޓިންއާ ދެކޮޅަށް ތެދުވުމަށް ރަޝިއާ ރައްޔިތުންނަށް ގޮވާލާފަ އެވެ.
މިއާއެކު ބައިޑަންގެ ވާހަކަފުޅުގައި އޭނާ ވަނީ ނޭޓޯގެ ގައުމުތަކުގެ ސަަރަހައްދާ އިންޗިއަކާ ކައިރިވެސް ނުވުމަށް ރަޝިއާގެ އަސްކަރިއްޔާ އާއި ޕުޓިންއަށް ދެއްވާ އިންޒާރު ތަކުރާރު ކުރައްވާފަ އެވެ.
ބައިޑަންގެ މިވާހަކަފުޅަށް ރައްދު ދެމުން ރަޝިއާއިން ބުނީ އެ ގައުމުގައި ވެރިކަން ކުރާނެ ފަރާތެއް ކަނޑައެޅުން އޮތީ އެގައުމުގެ ރައްޔިތުންނަށް އެކަނި ކަމަށެވެ.