ތަރައްގީގެ ކޮންމެ މަޝްރޫއަކާ ގުޅިގެން ތިމާވެއްޓަށް އެކަމުގެ ގެއްލުން ވާނެ ކަމަށާއި އައްޑޫ ސިޓީގެ ބިންހިއްކުމުންވެސް ތިމާވެއްޓަށް ގެއްލުންވާނެ ކަމަަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ބޭއްވި މާހެފުމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އައްޑޫގެ ބިން ހިއްކާނީ ތިމާވެއްޓަށް ލިބޭ ގެއްލުން ވީހާ ވެސް ކުޑަކުރެވޭނެ ގޮތަކަށް ކަމަށެވެ.

ރައީސް ވިދާޅުވީ، ތަރައްގީގެ ކޮންމެ މަޝްރޫއަކުން ވެސް ތިމާވެއްޓަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ވާނެ ކަމަށެވެ. އަދި އީއައިއޭ ހަދަނީ އެހެންވެ ކަމަށާއި، އޭގައި ތިމާވެއްޓަށް ހުރި ގެއްލުންތަކާއި، އެ ގެއްލުންތައް އެންމެ ކުޑަވާނެ ގޮތެއް ބަލައި މަޝްރޫތައް ކުރިއަށްގެންދާނީ އެގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއާ ގުޅިގެން މި މަހުގެ ނުވަވަނަ ދުވަހު އެކަމާ ގުޅުންހުރި ބައްދަލުވުންތަކެއް ބާއްވައި އެންމެ ފަހުގެ ހުށަހެޅުންތައް އީޕީއޭ އަށް ހުށަހަޅަފައިވާ ކަމަށެވެ. އަދި މިހާރު އެކަންކަން ފައިނަލްކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން 1 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން މުޅި އައްޑު އަތޮޅުން ޖުމްލަ 236.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ އައްޑޫގެ މީހުން ދިރިއުޅޭ ތިން ރަށް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ހުޅުމީދޫން ޖުމްލަ 198.3 ހެކްޓަރާއި އައްޑޫ ފަޅުތެރެއިން ރިސޯޓު ހެދުމަށް ހިއްކާ 8.3 ހެކްޓަރުގެ 3 ރަށާއި 5 ހެކްޓަރުގެ 2 ރަށެވެ.

މި މަޝްރޫއުގެ ސަބަބުން 120 ހެކްޓަރުގެ މޫދު ވިނަ ހިމެނޭ ސަރަހައްދެއް ދާއިމަށް ވަޅުލެވިގެންދާނެ ކަމަށާއި 21 ހެކްޓަރުގެ ފަރު ހަލާކުވާނެ ކަމަށް އީއައިއޭގައި ބުނެފައިވެ އެވެ. އަދި މި މަޝްރޫޢުގެ ސަބަބުން އައްޑޫގެ ފަޅު ކިލަނބުވެ ފަތުރުވެރިންގެ މެދުގައި މަގުބޫލު ބައެއް ޑައިވް ސްޕޮޓުތައް އެކީ ފަނާވުމުގެ ފުރުސަތު އޮތް ކަމަށް ވެސް އީއައިއޭގައި ބުނެފައިވެ އެވެ.