ކޮލަމްބޯ (28 މާޗު) - ރަސްމީ ދަތުރު ފުޅެއްގައި ސްރީލަންކާއަށް މިހާރު ވަޑައިގެން އުޅުއްވާ އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރު އެ ގައުމުގެ ވެރިރަށް ކޮލަމްބޯގައި ހުންނަ ފިއުލް ސްޓޭޝަނަކަށް ޒިޔާރަތް ކުރައްވައިފި އެވެ.

ކޮލަމްބޯގެ ލަންކާ އިންޑިއަން އޮއިލް ކޮމްޕެނީއަށް ކުރެއްވެވި ޒިއާރަތުގައި މިހާރު ކުރިމަތިވެފައިވާ ދަތިތަކާ ބެހޭ ގޮތުން މައުލޫމާތު ލިބިލެއްވި ކަމަށް ޖަޔަޝަންކަރު ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާއިން ސްރީލަންކާއަށް އެއް ބިލިއަން ޑޮލަރުގެ ލޯން އެހީ ދީފައިވާއިރު އޭގެ ތެރެއިން 500 މިލިއަން ޑޮލަރު ހޭދަ ކުރަނީ ތެޔޮ ގަތުމަށެވެ.

ޖެޔަޝަންކަރު ލަންކާއަށް ވަޑައިގެންފައި މިވަނީ އެގައުމުގެ އިގުތިސާދު ވަރަށް ފުން ވަޅުގަނޑަކަށް ވެއްޓި އާއްމު ދިރިއުޅުމަށް ވެސް ބުރޫ އަރަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

އޭނާގެ މި ދަތުރުފުޅަކީ ދެގައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުންތައް ވަރުގަދަ ކޮށް ބޭ އޮފް ބެންގާލުގެ މުހިއްމު ބައްދަލުވުމެއްގައި ބައިވެރި ވުމަށް ކުރައްވާ ދަތުރު ފުޅެކެވެ.

މި ދަތުރުފުޅުގައި ޖަޔަޝަންކަރު ވަނީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަނދަވަޅުން ސަލާމަތް ވުމަށް އެހީވާން އިންޑިއާއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ. -- ނިއުސްވަޔާ