ބައެއް ރަށްރަށުގައި ހުރި ސަގާފީ ތަރިކަތަކަށް ބެލުމެއްނެތި ތަރައްގީގެ މަޝްރޫޢުތައް އެކި ފަރާތްތަކުން ކުރިއަށްގެންދާކަން ފާހަގަކޮށް ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ މަރުކަޒުން މިއަދު ނެރުނު ބަޔާނެއްގައިވަނީ މި ފަހަކަށް އައިސް ރަށްރަށުގައި ހުރި އާސާރީ މިސްކިތް، ވެވު، ހަވިއްތަ ފަދަ އާސާރުތަކަށް ގެއްލުން ލިބޭގޮތަށް މަސައްކަތް ކުރަމުންދާކަމުގެ ކަންބޮޑުވުން އިތުރުވެފައިވާކަމަށެވެ. އަދި ބައެއް ކައުންސިލުތަކުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު ތަރިކައަށް ކޮށްފާނެ އަސަރު ބެލުމަށްޓަކައި ހަދާ އެސެސްމަންޓް ހެދުމެއްނެތި އަދި އެ މަރުކަޒުގެ ހުއްދައަކާ ނުލައި ކުރިއަށްގެންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. ސަގާފީ ތަރިކައަށް ގެއްލުން ލިބޭގޮތަށް އަމިއްލަ ފަރާތްތަކާއި ކައުންސިލްތަކުން މަސައްކަތް ނުކުރުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ އެ މަރުކަޒުން އިލްތިމާސްކޮށްފައިވެ އެވެ.

އާސާރީ ތަންތަން ރައްކާތެރިކުރެވޭނެ ގޮތެއް ނުހޯދައި، އެ ތަންތަނަށް ކުރާނެ އަސަރަށް ބެލުމެއްނެތި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުން ވެގެންދާނީ އެ ތަރިކައެއް ނިސްބަތްވާ ރަށަކާއި މުޅި ރާއްޖޭގެ އަންނާން އޮތް ޖީލުތަކަށް ލިބޭ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއްކަމަށް ބުނެފައިވެ އެވެ. އެހެންކަމުން ސަގާފީ ތަރިކައާ ގުޅޭ ތަންތަނުގައްޔާއި އެތަންތަނުގެ ކައިރީގައި ކުރާ މަސައްކަތްތައް ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު އަދި މި ގާނޫނާ ގުޅިގެން އާންމުކޮށްފައިވާ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރެއްވުމަށް އެންމެހައި ފަރާތްތަކަށް އެ މަރުކަޒުން ވަނީ ގޮވާލާފަ އެވެ.

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނުގައި ހިމެނޭ އާސާރީ ބިނާތަކާއި، އާސާރީ ސަރަޙައްދުތަކާއި، މަޢުނަވީ ސަގާފީ ތަރިކައާއި، ހިމާޔަތްކުރެވިފައިވާ ސަރަޙައްދު ބަޔާންކޮށް، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. މި ތަރިކައިގެ މައްޗަށް އޮތް ދައުލަތާއި ފަރުދުންގެ ޒިންމާއާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައާބެހޭ ދިރާސާތައް ކުރެވޭނެ ގޮތްތަކާއި، މި ތަރިކައާމެދު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިތުރުން ސަގާފީ ތަރިކައަށް ގެއްލުން ލިބޭފަދަ ގޮތަށް ހިންގާ އަމަލުތަކަކީ ކުށެއްގެ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. މި ގާނޫނުގައި ބުނެފައިވާ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތް ކުރުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު އުފައްދައި މި ގާނޫނު ތަންފީޒު ކުރުމުގެ މައިގަނޑު ޒިންމާ ވަނީ އެ މަރުކަޒާ ހަވާލުކޮށްފަ އެވެ.