ނިއު ދިއްލީ (02 އޭޕްރީލް) - ޔޫކްރެއިން މައްސަލާގައި އޭޝިއާގެ ބޮޑު ބާރެއް ކަމަށްވާ އިންޑިއާގެ ތާއީދު ހޯދަން ރަޝިއާއިން މަސައްކަތް ފަށައިފި އެވެ.

ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރެއިންއަށް އަރައި ފެށި ހަނގުރާމަ ދުނިޔޭގެ ހުރިހާ ގައުމަކުން ހެން ކުށްވެރި ކޮށްފައިވާއިރު، މި މައްސަލާގައި ވަކިކޮޅަކަށް ނުޖެހި އޮތް ބޮޑު ދެ ގައުމަކީ ޗައިނާ އަދި އިންޑިއާ އެވެ.

ޔޫކްރެއިން މައްސަލާގައި މުޅި ދުނިޔެ ރަޝިއާއާ ދެކޮޅުވެފައިވާއިރު، އިންޑިއާ އަދި ޗައިނާ ފަދަ ބޮޑެތި ގައުމުތަކުގެ ތާއީދު އެގައުމަށް ލިބުމަކީ މިވަގުތު އެގައުމަށް އެންމެ ބޭނުން ވެފައިވާ ކަމެކެވެ.

ކަން މިހެން އޮއްވައި ރަޝިއާގެ ޚާރިޖީ ވަޒީރު ސާޖޭ ލެވްރޯވް މިވަނީ ޗައިނާ އަދި އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި، އެ ގައުމުތަކާ ރަޝިއާއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރަން މަސައްކަތް ފަށާފަ އެވެ.

އެގޮތުން ޗައިނާ ސަރުކާރުގެ އިސްވެރިންނާއެކު ބޭއްވި މަޝްވަރާތަކަށްފަހު ޗައިނާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަޝިއާއާއެކު ގުޅުންތައް ބަދަހި ކުރުމަށް ޗައިނާއިން އިހުނަށް ވުރެ ވެސް ބޮޑަށް ބޭނުންވާ ކަމަށެެވެ.

ޗައިނާގެ ތާއީދު ޔަގީންވުމާއެކު ސާޖޭގެ މިސްރާބު ދެން ބެހެއްޓެވީ އިންޑިއާއަށެވެ.

އިންޑިއާގެ އޮފިޝަލުންނާއެކު ބޭއްވެވި މަޝްވަރާތަކުގައި ސާޖޭ ވަނީ އިންޑިއާއަކީ އަބަދުވެސް ޑިޕްލޮމަސީއާއި ޑިމޮކްރަސީއަށް ތާއީދުކުރާ ގައުމެއް ކަމަށެވެ.

ރަޝިއާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ރަޝިއާގެ ތެލާއި ގޭސް އެތެރެ ކުރުން ހުއްޓާލަން ނިންމާފައިވާއިރު ރަޝިއާއިން ވެސް ވަނީ ރައްދު ފިޔަވަޅެއްގެ ގޮތުން އެގައުމުތަކަށް ތެލާއި ގޭސް އެކްސްޕޯޓް ކުރުމުގައި ހިފެހެއްޓުން ތަކެއް އަޅާފަ އެވެ.

ނަމަވެސް ރަޝިއާގެ ތެލަށް ބޮޑުތަނުން ބަރޯސާވާ އިންޑިއާއިން މިކަމުގައި އެއްޗެއް ބުނެފައި ނުވާއިރު މި ހާލަތުގައި އިންޑިއާ ރުއްސަން ކުރަން ޖެހޭ ކޮންމެ ކަމެއް ރަޝިއާއިން ކުރާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. -- އަލް އަރަބިއްޔާ