ޒަމާނުއްސުރެ އަހަރެމެންގެ ތެރޭގައި އޮންނަ ގަބޫލު ކުރުމެއް އޮވެ އެވެ. އަންހެނުންނަށް ކުރެވޭނީ ވަކި ކަހަލަ މަސައްކަތްތަކެކެވެ. ވަޒީފާގެ މައިދާނަށް ނުކުތަސް އަންހެނުންނަށް ކުރުން އައިބު މަސައްކަތްތަކެއްގެ ގޮތުގައި ބައެއް މަސައްކަތްތައް އޮންނަނީ ދެކެވިފަ އެވެ. ސެކިއުރިޓީ ގާޑެއްގެ ގޮތުގައި ނުވަތަ ކޮންކްރީޓް މަސައްކަތެއްގައި އަންހެނަކު އުޅުމަކީ މިއަދު ވެސް އައިބު ކަމެކެވެ.
އެހެން ނަމަވެސް ލިބޭ އުފަލަކީ މިއަދުގެ ޅަ ޖީލުން މި ގަބޫލުކުރުންތައް ފަސްދީ ކުރިއަރަމުން އަންނަ ކަމެވެ. ހުރިހާ ދާއިރާއަކުން ވެސް އަންހެނުންގެ ކުރިއެރުން ފެންނަ ކަމެވެ. އިންޖީނިއަރު ކަމުން ފެށިގެން ކޮންކްރީޓް މަސައްކަތްކުރާ ސައިޓުތަކުގައި ވެސް މިއަދު އަންހެނުންގެ ދައުރު ފެންނަމުންދެ އެވެ.
ހދ. ކުޅުދުއްފުށްޓަށް އުފަން 25 އަހަރުގެ މިލްނާ އިބްރާހިމް 25، އަކީ ވެސް އެފަދަ ޒުވާން އަންހެނެކެވެ. ފިރިހެނުންނަށް ހާއްސަ ވަޒީފާއެއްގެ ގޮތުގައި ބެލެވިފައި އޮތް ފަޔާ ފައިޓަރެއްގެ ވަޒީފާ އޭނާ އަދާކުރަމުން އެ އަންނަނީ އެކުގައި މަސައްކަތް ކުރަމުން އަންނަ އެހެން ފަރާތްތަކަށް އެއްވެސް ދުލެއް ނުދީ އެވެ.
ކުޑައިރު ކަސްޓަމްސް އޮފިސަރަކަށް ވަންނަން ބޭނުންވި މިލްނާގެ ޚިޔާލު ބަދަލުވެ ފަޔާ ފައިޓިންއަށް އޭނާގެ ހިތުގައި ޝައުގުވެރިކަން އުފެދުނީ ރެޑް ކްރެސެންޓްގެ ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަން އުޅުނު ދުވަސްވަރު އެވެ.
"ރެޑް ކްރެސެންޓްގައި އުޅުނު ދުވަސްވަރު އެހެން މީހުންނަށް އެހީވެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ޚިދުމަތް ކުރުމުގެ ޝައުގު އުފެދުނު،" މިލްނާ ބުންޏެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އެއާޕޯޓް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޖޫނިއާ ފަޔާ ފައިޓަރެއްގެ ވަޒީފާ އަދާ ކުރަމުން އަންނަ މިލްނާގެ ކޮންމެ ދުވަހަކީ ވެސް ތަފާތު ދުވަހެކެވެ. ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކީ ވެސް ތަފާތު ތަޖުރިބާ ތަކެއް ކުރަން ލިބޭ ދުވަހެކެވެ.
"ދާއިރު ނޭނގޭނެ ކޮންކަހަލަ ކަންތައްތަކެއް ކަމެއް ކުރިމަތިވާނީ. ވެދާނެ ސިއްހީ ކަމަކަށް ވެސް. ނޫނީ އަލިފާނުގެ ކަމަކަށް ވެސް،" އޭނާ ބުންޏެވެ.
މިލްނާއަކީ އޭނާގެ ޑިޕާޓްމަންޓްގެ މެޑިކަލް ޓީމުގައި ހިމެނޭ މެމްބަރެކެވެ. އޭނާގެ މައިގަނޑު މަސްއޫލިއްޔަތަކަށް ވެފައި އޮންނަނީ އެއާޕޯޓުގައި ދިމާވާ އެކި ކަހަލަ ސިއްހީ ކަންކަމުގައި އެހީތެރިވުމެވެ.
"ގިނައިން ލިބެނީ މެޑިކަލް އިމަޖެންސީތައް. ދެން މެޑިކަލް ޗާޓަޑް ފްލައިޓްތަކަށް އެޓެންޑްވާން ޖެހޭނެ،" މިލްނާ އޭނާގެ މަސައްކަތްތަކާ ބެހޭ ގޮތުން ބުންޏެވެ.
މިލްނާ ބުނިގޮތުގައި މިދާއިރާއަކީ މިހާރު އަންހެނުންނާއި އަންހެން ކުދިންނަށް ފުރުސަތު އޮތް ދާއިރާ އެކެވެ. ހިތްވަރާއި އަޒުމު ހުރެގެން ކުރިއަށް ދެވޭނެ ދާއިރާއެކެވެ. އޭނާއާއެކު މިހާރު ވެސް އެ ޑިޕާޓްމަންޓްގައި ވަރަށް ގިނަ އަންހެން ސްޓާފުން މަސައްކަތް ކުރެ އެވެ.
"ޔަގީނުންވެސް ފުރުސަތު އެބައޮތް. އެމްއޭސީއެލްއަކީ އަންހެން ކުދިންނަށް އިސްކަން ދޭ ކުންފުންޏެއް،" އޭނާ ބުންޏެވެ.
ފަޔާ ފައިޓަރެއްގެ ގޮތުގައި މަސައްކަތް ކުރާތީ ބައެއް ފަހަރު މުޖުތަމައުގެ ބައެއް ފަރާތްތަކުން އަޑުއަހަން ބޭނުންނުވާ ކަހަލަ ބަސްތައް ރައްދުވާ ކަމަށް މިލްނާ ބުންޏެވެ. ނަމަވެސް އެ ބަސްތަކަށް އޭނާ މާ ބޮޑު ސަމާލު ކަމެއް ނުދެ އެވެ. ފރިހެން ފަޔާ ފައިޓަރުންނެކޭ އެއްފަދައިން އަންހެން ފަޔާފައިޓަރުން ވެސް މަސައްކަތް ކުރަނީ ފުރިހަމަ ތަމްރީނާއެކު ތައްޔާރުވެގެން ކަމަށް މިލްނާ ބުންޏެވެ.
"އެކަހަލަ ބަސްތައް އިގްނޯ [އަޅަނުލަނީ] ކުރަނީ. ކުރާ މަސައްކަތުން އެ މީހުންނަށް ރައްދު ދެނީ،" މިލްނާ ބުންޏެވެ.
މިހާ ހިސާބަށް މިލްނާއަށް އާދެވުނީ އޭނާގެ ފަހަތުގައި ގިނަ ބަޔަކު ތިބެގެންނެވެ. އެގޮތުން އޭނާގެ މައިންބަފައިންނާއި ރަހުމަތްތެރިން އޭނާ ފާހަގަ ކުރި އެވެ.
"މަންމަ އަބަދުވެސް ބާރު އަޅާނެ ކުރިއަށްދާން. ހިތްވަރު އެލުވާލިޔަ ނުދޭނެ. ބައްޕަ ޔަގީންކުރި ބޮޑުވަމުން އައި އިރު ބޭނުންވި ހުރިހާ އެއްޗެއް ހޯދައިދޭން،" ޝުކުރުގެ ލިސްޓަށް މަންމައާއި ބައްޕަ އިތުރު ކުރަމުން މިލްނާ ބުންޏެވެ.
ހަމައެއާއެކު ދާއިރާގައި ކުރިއަށް ދާން އެހީވި ސޯނަތު އަބްދުލް ސައްތާރުގެ ނަން ވެސް އޭނާ ފާހަގަ ކުރި އެވެ. މިލްނާ ބުނި ގޮތުގައި މި ދާއިރާއަށް އޭނާ ވަނީ ސޯނަތު ދިން އެއްބާރުލުމުގެ ސަބަބުންނެވެ.
މި ދާއިރާއަށް ނުކުންނަން ބޭނުންވާ އަންހެން ކުދިންނަށް މިލްނާ ދޭން ބޭނުންވާ މެސެޖަކީ މުޖުތަމައުގެ ފަރާތުން އިވޭ ނޭދެވޭ އަޑުތައް ނޭހުމެވެ. އަމިއްލަ ނަފްސަށް އިތުބާރު ކޮށްގެން ބޭނުންވާ ރޮނގުން ގަދައަޅާ ކުރިއަށް ދިއުމެވެ.
"މީހުން ކިޔާ އެއްޗަކަށް ބަލާނެ ކަމެއް ނެތް. އަމިއްލަ ދިރިއުޅުމުގަ ކުރާނެ ކަންކަން އެނގޭނީ އެ ކުއްޖަކަށް. ހިތްވަރާއެކު ކުރިއަށް ދިޔައީމަ ރަނގަޅުވާނެ" މިލްނާ ބުންޏެވެ.
މިލްނާ ފަދަ ޒުވާނުންނަކީ ބޮޑު ވަމުން އަންނަ ޒުވާން ޖީލަށާއި އަންހެން ކުދިންނަށް ހުރި ނަމޫނާ އެކެވެ. ބޭނުންވާ ރޮނގަކުން ކުރިއަށް ދާން ހިތްވަރާއެކު މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ ކަން ދައްކުވައިދޭ ޒުވާނުންނެެވެ.