އީރާނުން ޔޫއޭއީއަށް އަމާޒުކޮށް ބެލިސްޓިކް ދެ މިސައިލް ފޮނުވާލާފައިވާ ކަމަށް ބުނެ، އެ ގައުމާއެކު އޮތް ވިޔަފާރި އާއި އިގްތިސާދީ ހުރިހާ ގުޅުންތަކެއް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން އަންގާރަ ދުވަހު މެދުކަނޑާލައިފި އެވެ.

ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ބުނިގޮތުގައި، އީރާނުން އެ ގައުމުގެ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ދެ ބެލިސްޓިކް މިސައިލް އެ ގައުމުގެ އެއާ ޑިފެންސް ނިޒާމަށް ވަނީ ފާހަގަކުރެވިފަ އެވެ. މިއީ މިދިޔަ މޭ މަހުގެ ފަހުން އީރާނުން ޔޫއޭއީއަށް ދިން ފުރަތަމަ ސީދާ ހަމަލާ އެވެ. މި ހަމަލާއާ ގުޅިގެން ޔޫއޭއީގައި ދިރިއުޅޭ ރައްޔިތުންގެ ފޯނުތަކަށް ވަނީ ކުއްލި ނުރައްކަލުގެ އެލާޓް ފޮނުވާފަ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި މިސައިލްތައް އަމާޒުކޮށްފައިވަނީ ކަނޑު ދަތުރުފަތުރަށެވެ. މީގެ ތެރެއިން އެއް މިސައިލް ވެއްޓިފައި ވަނީ ޔޫއޭއީގެ ކަނޑުގެ ސަރަހައްދުން ބޭރަށް ކަމަށާއި، އަނެއް މިސައިލް ވެއްޓުނީ ޔޫއޭއީގެ ސަރަހައްދީ ފެނުގެ ތެރެއަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓްރީން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހަ އާއި އަމާން ކަމަށް ބުރޫއަރާ ފަދަ ގޮތަކަށް މަސްރަހު ގޯސްވަމުން ދާތީ، އީރާނާއެކު ކުރާ ހުރިހާ ވިޔަފާރިއަކާއި، މާލީ މުއާމަލާތްތަކެއް ވަކިގޮތެއް އަންގަންދެން ހުއްޓާލާފައިވާ ކަމަށެވެ.

ނަމަވެސް، މި ހަމަލާގައި އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް އީރާނުން ވަނީ އިންކާރުކޮށްފަ އެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ މި ތުހުމަތުތަކަކީ އަވަށްޓެރި ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ ރަނގަޅު ގުޅުމާ ހިލާފު އަދި ސަރަހައްދީ ގައުމުތަކުގެ މެދުގައި އިތުބާރު އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ.

މި ހަމަލާތައް ދީފައި މިވަނީ އެމެރިކާ އާއި އިޒްރޭލުން ފެބްރުއަރީ މަހު އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު ގޯސްވި ގުޅުން ރަނގަޅު ކުރުމަށް ޔޫއޭއީ އާއި އީރާނުން ދެ މަހެއްހާ ދުވަހު މަސައްކަތް ކުރުމަށް ފަހުގަ އެވެ. އޭރު އީރާނުން ދިން ގިނަ ހަމަލާތައް އަމާޒުކުރީ އަވަށްޓެރި އަރަބި ގައުމުތަކަށެވެ. އެއީ އެމެރިކާ އާއި އިޒްރޭލަށް އެ ގައުމުތަކުން އެހީތެރިވާ ކަމަށް ބުނެ އެވެ.

އީރާނުން އެމެރިކާގެ ބައިވެރި އަރަބި ގައުމުތަކަށް ދިން ހަމަލާތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޔޫއޭއީ އަށެވެ. އެގޮތުން 3،000 އަށް ވުރެ ގިނަ މިސައިލާއި ޑްރޯން ހަމަލާ ޔޫއޭއީއަށް އަމާޒުވި އެވެ. މީގެ ރައްދުގައި ޔޫއޭއީން ވެސް ވަނީ އީރާނަށް ހަމަލާތަކެއް ދީފަ އެވެ.

އެހެން ނަމަވެސް، ޖޫން މަހު އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުމަކާ ގުޅިގެން މަސްރަހު ކުޑަކޮށް ފިނިވި އެވެ. ނަމަވެސް ޖުލައި މަހުގެ ކުރީކޮޅު އެ އެއްބަސްވުން އުވުމުން، އީރާނުން އަނެއްކާ ވެސް ހަމަލާތައް ދޭން ފެށި އެވެ. އެކަމަކު އޭރު ހަމަލާތައް އަމާޒުކުރީ ބަހްރޭން، ކުވެއިތު އަދި އުރުދުން އަށެވެ.

ވޭތުވެދިޔަ މަސްތަކުގައި ޔޫއޭއީން ވަނީ އީރާނާއެކު ހާރިޖީ އަދި އިގްތިސާދީ ގުޅުންތައް އަލުން ފަށާފަ އެވެ. ހަމައެއާއެކު، އިޒްރޭލާއި އެމެރިކާއާ އެކު އޮތް އަސްކަރީ ގުޅުން ވެސް ވަނީ ވަރުގަދަކޮށްފަ އެވެ.

އަންގާރަ ދުވަހު ދިން މިސައިލް ހަމަލާތަކުގެ ސަބަބުން ޔޫއޭއީއަށް އައިސްފައިވާ އާންމު ހާލަތަށް ބުރޫއަރާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. ދުބާއީގެ ފައިނޭންޝަލް ޑިސްޓްރިކްޓަށް އަނެއްކާ ވެސް ބޭންކަރުން އަންނަން ފަށާފައިވާއިރު، އީރާނުގެ ބަނދަރުތަކާއި ދުބާއީއާ ދެމެދު ބައެއް ވިޔަފާރިތައް ވެސް ވަނީ ފެށިފަ އެވެ. މީގެ އިތުރުން، އީރާނާއި ޔޫއޭއީއާ ދެމެދު ކުރާ ބައެއް ފްލައިޓްތައް ވެސް ވަނީ އަލުން ފަށާފަ އެވެ.

ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ވަނީ، ހަނގުރާމަ ފެށުނުއިރު ގައުމުން ބޭރުގައި ތިބި 20،000 އެއްހާ އީރާނު ރައްޔިތުންނަށް އެނބުރި ޔޫއޭއީއަށް އައުމުގެ ހުއްދަ ވެސް ދޭން ފަށާފަ އެވެ. ޔޫއޭއީގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އެ ގައުމުން ބޭނުންވަނީ ސަރަހައްދީ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ނުވަދެ ސަލާމަތްވުމަށެވެ.

ނަމަވެސް، މަސްރަހު ފިނިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް މި ފަހަކަށް އައިސް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. މި މަހުގެ ކުރީކޮޅު ޔޫއޭއީން ވަނީ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީގެ އުޅަނދުތަކަށް އީރާނުން ހަމަލާދިން ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ފަހަކަށް އައިސް އީރާނުން ގެންދަނީ އަސްކަރީ ގޮތުން އިންޒާރުތައް ދެމުންނެވެ.