އިސްލާމް އާބާދު (11 އޭޕްރީލް) - ޕާކިސްތާނުގެ އާ ބޮޑު ވަޒީރަކަށް އިދިކޮޅުގެ ލީޑަރު ޝެހެބާޒު ޝަރީފް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ހޮވައިފި އެވެ.
މިއަދު ބޭއްވި ޖަލްސާގައި މަޖިލީހުގެ އަޣުލަބިއްޔަތާއެކު ޝެހެބާޒު އިންތިހާބުވެ ވަޑައިގަތީ ވޯޓު ހުއްޓުވުމަށް ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ނިސްބަތްވާ ތެހްރީކް އެ އިންސާފް ޕާޓީގެ މެމްބަރުން އެއްފަހަރާ މަޖިލީހުން އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަގާމަށް ޝެހެބާޒް އައްޔަން ކުރެވިފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލީސް ބައްދަލުވުމުގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓެއް ނާކާމިޔާބުވެ އޭރު އެ މަގާމުގައި ހުންނެވި އިމްރާން ޚާންއަށް މަގާމު ގެއްލުމުންނެވެ.
އުމުރުން 70 އަހަރުގެ ޝެހެބާޒްއަކީ ސިޔާސީ އާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާއަކީ މީގެ ކުރިން ތިންފަހަރެއްގެ މަތިން ޕާކިސްތާނުގެ ބޮޑު ވަޒީރުކަން ކުރެއްވެވި ނަވާޒު ޝަރީފްގެ ކޮއްކޯފުޅެވެ.
އިމްރާން ޚާން މަގާމުން ދުރު ކުރެވުމާއެކު އޭނާއަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ވަނީ މަގުމައްޗަށް ނުކުމެ އިމްރާނަށް އޮތް ތާއީދު ފާޅުކޮށްފަ އެވެ.
އިތުބާރު ނެތް ކަމުގެ ވޯޓު ހުއްޓުވަން އިމްރާން ގިނަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ މަޖިލީސް އުވާލުމަށް އޭނާ ކުރެއްވި އަމުރު ބާތިލުކޮށް މަޖިލިސް އަލުން ރުޖޫއަ ކޮށްފަ އެވެ.
އިމްރާން ވަނީ އޭނާ މަގާމުން ދުރު ކުރަން އިދިކޮޅުން ކުރި މަސައްކަތްތަކަކީ ބޭރުގެ ނުފޫޒާއެކު ކުރިއަށް ގެންދިޔަ މަސައްކަތްތަކެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ. -- އަލް ޖަޒީރާ