އިސްލާމް އާބާދު (13 އޭޕްރީލް) - މަގާމުގެ ހުވާ ކުރައްވައި ޕާކިސްތާނުގެ ބޮޑުވަޒީރު ކަަމަށް އަލަށް އިސްވި ޝެހެބާޒް ޝަރީފް މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފި އެވެ.
ޝެހެބާޒު ވަނީ އާއްމުންނަށް ހިދުމަތްކުރުމުގައި ލަސް ކުރެވެން ނެތް ކަމަށް ވިދާޅުވެ، ރަމަޟާން މަހުގެ ރަސްމީ ގަޑި ފެށުމުގެ މާކުރިން އޮފީހަށް ވަޑައިގަންނަވައި މަސައްކަތްތައް ފައްޓަވާފަ އެވެ.
އެގޮތުން އެންމެ ފުރަތަމަ ކުރެއްވެވި ކަންކަމުގެ ތެރޭގައި ރަމަޟާން މަހުގެ ރަސްމީ ގަޑިއަށް ބަދަލު ގެނައުމާއި ހަފްތާ ބަންދުގެ ދެ ދުވަހުގެ ސަރުކާރު ބަންދު ޗުއްޓީ އުވާލުން ހިމެނެ އެވެ. މިއާއެކު ދެން ސަރުކާރުގެ އޮފީސްތައް ބަންދު ކުރާނީ ހަމައެކަނި އާދީއްތަ ދުވަހު އެވެ.
އޭގެ އިތުރުން ޝެހެބާޒު ވަނީ ޕާކިސްތާނުގެ އެކި ސިޔާސީ ޕާޓީތަކުގެ ވެރިންނާ ބައްދަލުކުރައްވައި ސަރުކާރު ހިންގުމުގެ މަޝްވަރާތައް ކުރައްވާފަ އެވެ.
"ގައުމު އިސްލާހުގެ މަގަށް ގެންނަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ،" އެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ޝެހެބާޒު ވަނީ ޕާކިސްތާނުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމާ މެދު މަޝްވަރާ ކުރުމަށް އެ ދާއިރާގެ މާހިރުންގެ ބައްދަލުވުމަކަށް ކިޔުއްވާފަ އެވެ.
މަގާމާ ހަވާލުވިތާ އެއް ދުވަސް ނުވަނީސް ޝެހެބާޒްގެ ފަރާތުން ފެންނަ ހަރުދަނާ ހިންގުންތެރިކަމަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ. -- ޑޯން. ކޮމް