މަސްވެރިކަންކުރާ ދިވެހިންގެ ޢަދަދު މަދުވެ، ބިދޭސީން މަސްވެރިކަމަށް ނެރުމަށް ކޯޓާއަށް އެދޭ މިންވަރު އިތުރުވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ މަސްވެރިކަން ކުރާ ދިވެހިންގެ އަދަދު ދަށްވަމުންދާ ތަން ފެންނަމުންދާ ކަމަށެވެ. އަދި އެކަން އިކޮނޮމިކް މިނިސްޓްރީއަށް ބިދޭސީންގެ ކޯޓާ ހޯދުމަށް އަންނަ އޮޑިވެރިންގެ އަދަދުން ހާމަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޒަމާނީ މަސްދޯނިފަހަރު ތަޢާރަފްވަމުން އައިނަމަވެސް، މަހަށްދާނެ ދިވެހިން ނުވެގެން ބައެއް އޮޑިފަހަރު މަހަށް ނުފުރާކަމުގެ ޝަކުވާވެސް ލިބެމުންދޭ. ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކުރާގޮތުގައި މަސްވެރިކަންކުރާ ދިވެހި އުޅަނދުފަހަރުގައި ބިދޭސީން ގެންގުޅެވޭނެ އަދަދާއި، އެ ބިދޭސީން ލައްވާ ކުރުވޭނެ މަސައްކަތްތައް ބަޔާންކުރޭ،" ފައްޔާޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަސްދޯނިފަހަރުގައި ބިދޭސީ މަސައްކަތްތެރިން ލައްވާ މަސްވެރިކަމެއް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ދޯނީގައި އެހީތެރިންގެ ގޮތުގައި ބިދޭސީން ގެންގުޅެވޭނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
"ފިޝަރީޒުން ކަނޑައަޅާފައިވޭ ބިދޭސީންނަށް މަސްވެރިކަން ނުކުރެވޭނެ ކަމަށް. އެހެންވީމަ ކޯޓާ މި އޮންނަނީ އެހީތެރިވާން، މިސާލަކަށް ކައްކާ ދޯނި ސާފުކޮށް އެކަންކަންކުރާ މީހުންނަށް. އަޅުގަނޑު ދަންނަވަން މިއުޅެނީ އަލުގަނޑުމެން ސަބްސިޑައިޒްކޮށް ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން މަހަށް އަސްލު އަގަށް ވުރެ ބޮޑު އަގެއް ދޭއިރުގައި ކިހާ ހިސާބަކުންތޯ އަޅުގަނޑުމެން ވިސްނަންވީ މަސްވެރިންނަށް ތިބީ ދިވެހިންތޯ؟ މި ސަބްސިޑީ މިދެވެނީ ކޮންބަޔަކަށްތޯ؟ އޮޑިވެރިޔާއަށް ދެވޭ ސަބްސިޑީއެއްތޯ ނޫނީ މަސްދޯނިފަހަރުގައި އުޅޭ ބޭރު ބަޔަކަށް ދެވޭ އެއްޗެއްތޯ؟" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ކަންބޮޑުވުންތަކާއެކު ކޮމިޓީގެ މުޤައްރިރު އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުސައިން ވަނީ އެންމެ ދިވެއްސަކާއެކު މުޅިން ބިދޭސީން ތިބެ މަސްވެރިކަންކުރާ އުޅަނދެއް ދާދިފަހުން ރަށަކުން ފެނުނު ކަމަށް ވެސް ވިދާޅުވެފަ އެވެ.
ފިޝަރީޒް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި 750 ދޯންޏަކަށް މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކޮށްފައިވެ އެވެ. އަދި މަސްވެރިންގެ ގޮތުގައި 17،000 އެއްހާ މީހުން މަސައްކަތްކުރާ ކަމަށް އެ މިނިސްޓްރީން އަންދާޒާކުރެ އެވެ.