ރަމަޟާން މަހަކީ މުސްލިމުންނަށް އަހަރު ތެރޭގައި އަންނަ އުފާވެރި އީދެކެވެ. އާއިލާއާއި ރައްޓެހިންނާއެކު ގުޅުން ބަދަހި ކުރަން ލިބޭ ރަނުގެ ފުރުސަތެކެވެ. ނަމަވެސް ހިތާމައަކީ ދުނިޔޭގެ ބައެއް ހިސާބުތަކުގައި އުޅޭ މުސްލިމުން މި އުފަލުން މަހުރޫމް ވެފައިވާ ކަމެވެ.

އެގޮތުން މިއަހަރު އެންމެ ފާހަގަ ކޮށްލެވެނީ ހަނގުރާމަ އިއުލާނު ކޮށްފައިވާ ޔޫރަޕްގެ ގައުމެއް ކަމަށްވާ ޔޫކްރެއިންގެ ހާލަތަށެވެ. 43،000،00 އަށްވުރެ ގިނަ މުސްލިމުންގެ އާބާދީއެއް އޮންނަ ޔޫކްރެއިންގެ މުސްލިމުން މިއަހަރުގެ ރަމަޟާން މަހާ ކުރިމަތިލީ ބިރުވެރިކަމާއި ނާމާން ކަމުގެ ތެރެއިންނެވެ.

ބަޑީގެ ވަޒަންތަކުންނާއި ބާރުގަދަ ގޮވުންތަކުން ރެކެން މީހުން އެކި ކޮޅު ކޮޅު މައްޗަށް ދުވާއިރު ދުވަސް ދާ ގޮތް ވެސް ނޭނގޭ ކަމަށް އެގައުމުގެ މުސްލިމުން ބުނެ އެވެ.

"ހަމަލާތަކުގެ ތެރެއިން ރޯދަ ވީއްލާ ގަޑި ޖެހޭއިރު ވެސް ނޭނގޭ" ޔޫކްރެއިންގެ މުސްލިމެއް ކަަމަށްވާ ނިޔާރާ މަމުޓޯވާ ބުންޏެވެ.

ރަޝިއާއިން ހަމަލާތައް ބަދަލު ކުރަމުންދާއިރު ކާބޯތަކެތި ލިބުން ދަތިވެ ބައެއް މުސްލިމުން ހަމައެކަނި ފެންފޮދަކާއެކު ވެސް ރޯދަ ވީއްލާ ހާރުގެ ކެއުން ކާ ކަމަށް ނޫސްތަކުން ބުނެ އެވެ.

ނިޔާރާ އިތުރަށް ބުނި ގޮތުގައި ރައްކާތެރިކަމާއި އަމާންކަން ލިބިފައި ނުވާތީ އެއްތަނެއްގައި އިނދެ އަޅުކަން ކުރަން ވެސް ނުލިބޭ ކަމަށާއި މި ރޯދަ މަހަކީ ފުރިހަމަ ނުވާ ރޯދަ މަހެއްގެ ގޮތުގައި އިހުސާސްވާ ކަމަށެވެ.

"ވަރަށް ހިތްދަތި ރަމަޟާން މަހެއް މިއީ،" ނިޔާރާ ބުންޏެވެ.

އެވަރުން ވެސް ހިތްވަރު އެލުވާނުލައި ސާބިތުކަމާއެކު ރޯދަހިފުމުގައި އޭނާއާއި އޭނާގެ އާއިލާ ތިބި ކަމަށް ބުނަމުން ނިޔާރާ ބުނީ ހުރިހާ ކަމެއް ﷲ ބައްލަވާ ވޮޑިގެންވާ ކަމަށާއި މި ހާލަތުން އަރައިގަތުމަށް ﷲގެ ހެޔޮ ރަހުމަތް ލިބޭނެ ކަމަށެވެ.

ކީރިތިވަންތަ މާތް ﷲ ދަތިހާލުގައިވާ މުސްލިމުންގެ މުސީބާތްތައް ދުުރުކޮށްދީ އެބައިމީހުންގެ ތަކުލީފުތައް ލުއި ކުރައްވާށި އެވެ.! އާމީން!