ދުބާއީ އަކީ މެދު އިރުމަތީގެ މައި ވިޔަފާރި މަރުކަޒެވެ. މުސްލިމް އާބާދީއެއް އޮންނަ އިސްލާމީ މިގައުމަށް ރަމަޟާން މަހަކީ މުޅިން ތަފާތު ތަޖުރިބާއެއް ކުރުވާނެ މަހެކެވެ.

ކެއިން ބުއިން

ރޯދަ މަހުގެ ސަގާފަތާ ގުޅިފައި އޮތް މައިގަނޑު އެއް ކަމަކީ ކެއިން ބުއިމަށް އަންނަ ބަދަލު ތަކެވެ. އެގޮތުން އާއްމު ތަންތަނުގައި ކެއިން ބުއިމާއި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

ރަސްމީ ގަޑި

ރަމަޟާން މަހު ދުބާއީގެ ސަރުކާރު އޮފީސްތަކާއި ސްކޫލްތަކުގެ ރަސްމީ ގަޑި ބަދަލުވާނެ އެވެ. އެ ގައުމުގެ ވަޒީފާގެ ގާނޫނު ބުނާ ގޮތުން ރަމަޟާނު މަހު އާއްމު މަސައްކަތު ގަޑިން ދެ ގަޑިއިރު އުނި ކުރަން ޖެހެ އެވެ. އާއްމުކޮށް އަމިއްލަ އޮފީސްތަކާއި ޝޮޕިން ކޮމްޕްލެކްސްތައް ވެސް މި އުސޫލުގެ މަތިން ކުރިއަށް ދާތީ އެ މަހު އާއްމު ހިދުމަތްތައް ލިބޭ ވަގުތު ކުރު ވާނެ އެވެ.

އާއްމު ރޯދަވީއްލުންތައް

ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ބެލެވޭ ދުބާއީ ގެ މާޙައުލަކީ ރޯދަމަހު ހިތްގައިމު މާހައުލެކެވެ. ކުލަގަދަ ރޯދަވީއްލުންތަކާއި އެކި މުނާސަބަތު ތަކުން ދުބާއީގެ މެހެފިލްތައް ފަޅު ފިލުވައިދޭއިރު މި މުނާސަބަތުތައް އިތުރަށް ފުރިހަމަ ކޮށްދެނީ ރަހަމީރު ކެއުންތަކުންނެވެ.

ޓްރެފިކް

ރަމަޟާން މަހު ދުވާލު ދުބާއީގެ މަގުތައް ފަޅުކޮށް ފެނުނު ކަމުގައި ވިޔަސް، އިރުއޮއްސުމަށްފަހު މަގުމަތި ކާރުބާރު ބޮޑުވެ، ޓްރެފިކް އިތުރުވެ އެވެ. ދަތުރުފަތުރު ކުރަން އުނދަގޫވެ އެވެ.

ޑިސްކައުންޓްތަކާއި ސޭލްތައް

ދުބާއީގައި ބާޒާރު ކުރަން ބޭނުންވާ މީހަކަށް ރަމަޟާން މަހަކީ ރަނުގެ ފުރުސަތެކެވެ. ގިނަ ފިހާރަތަކަކުން އެ މަހަށް ހާއްސަ ކޮށްގެން ރަމަޟާން ސޭލްތައް އަޅުވާ އިރު އިރު އަންނައުނާއި ކުޅޭ ސާމާނުގެ އިތުރުން ހިފާ ގެންގުޅޭ ސާމާނުން ވެސް ޑިސްކައުންޓް ލިބޭނެ އެވެ.