ބެއިޖިންގް (23 އޭޕްރީލް) ސްރީލަންކާގެ އިގްތިސާދު ވެއްޓިފައިވާ ފުން އަނދަވަޅުން ސަލާމަތްވުމަށް އެހީތެރިވުމުގެ ގޮތުން ޗައިނާ ސަރުކާރުން އެގައުމަށް ދޭ އެހީގެ ޕެކޭޖު އިއުލާން ކޮށްފި އެވެ.

ސްރީލަންކާގެ ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ)އިން އެގައުމަށް 200 މިލިއަން ޔޫއާންގެ އިންސާނީ އެހީ ދޭން ނިންމާފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 31 މިލިއަން އެމެރިކާ ޑޮލަރެވެ.

މީގެ ތެރޭގައި 5،000 ޓަނުގެ ހަނޑުލާއި ސިއްހީ އަދި ބޭސްފަރުވާގެ އާލާތްތަކުގެ އިތުރުން އެހެނިހެން އެހީތައް ވެސް ހިމެނޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެއާއެކު ޗައިނާގެ ޔުނާން ޕްރޮވިންސުން ވަނީ ސްރީލަންކާއަށް 1.5 މިލިއަން ޔޫއާންއަށްވާ ކާތަކެތީގެ ޕެކޭޖްތައް ފޯރުކޮށްދިނުމުގެ ކެމްޕެއިނެއް ފަށާފަ އެވެ.

ފޮރިން މިނިސްޓްރީއިން ބުނީ ޗައިނާގެ އެހީ ލިބިފައި މިވަނީ ސްރީލަންކާގެ ފޮރިން މިނިސްޓަރު ޖީއެލް ޕެއިރިސް، ޗައިނާއިން އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކީ ޝެންހޮންގްއާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު ކަމަށެވެ.

މި ބައްދަލުވުމުގައި ސްރީލަންކާގެ މިވަގުތުގެ ހާލަތު ސަފީރަށް ކިޔައިދެއްވި އިރު ސަފީރު ވަނީ އެ ގައުމުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

ސްރީލަންކާއިން ބޭރު ގައުމުތަކަށް ދަރާފައިވާ 45 ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން 8 ބިލިއަން ޑޮލަރަކީ ޗައިނާއަށް ދައްކަން ޖެހޭ ލޯނެވެ. -- ނިއުސް ވަޔާ