ސޯޝަލް މީޑިއާގެ އެންމެ މަގްބޫލު އެއް ކުންފުނި، ޓުވިޓާއިން 44 ބިލިއަން ޑޮލަރަށް އެކުންފުނީގެ މިލްކުވެރިކަން ދުނިޔޭގެ އެންމެ މުއްސަނދި މީހާ އިލޮން މަސްކަށް ވިއްކާލައިފި އެވެ.

މި ޑީލްއަކީ ގިނަ ދުވަސްތަކެއް ވަންދެން ދެފަރާތުގެ ދެމެދުގައި ބޭއްވުނު މަޝްވަރާތަކަށްފަހު ގިނަ ގޮންޖެހުންތަަކަކުން އަރައިގަނެ ނިންމުނު ޑީލްއެކެވެ.

ޓުވިޓާ ގަތްކަން ޔަގީން ކޮށްދެމުން އިލޮން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ އަސްލުކަމަށާއި ޓުވިޓާއަކީ ހިޔާލު ފާޅުކުރުމުގެ ދޮރު އެންމެ ބޮޑަށް ހުޅުވިފައިވާ ޕްލެޓްފޯމް ކަމަށެވެ.

"އަޅުގަނޑަށް ނަފުރަތުކުރާ ފަރާތްތަކުން ވެސް ޓުވިޓާ ބޭނުން ކުރުން އެދެން. ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ އެއީ،" އިލަން ބުނެފައިވެ އެވެ.

ޓުވިޓާގެ މިލްކުވެރިކަން އެއްކޮށް ހޯދުމުގެ ކުރިން އެެލަން ވަނީ މިމަހުގެ ކުރީކޮޅު އެ ކުންފުނާގެ ބޮޑު ހިއްސާއެއް ގަނެފަ އެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓުވިޓާގެ ބޯޑް ޗެއާމަން ބްރެޓް ޓެއިލާ ވިދާޅުވީ މި ނިންމުން ނިންމާފައިވަނީ ވަރަށް ގިނަ ކަންކަމަށް ރިޔާޔަތް ކުރުމަށްފަހު ކަމަށެވެ.