މީޑިއާތައް ޖޫރިމަނާކުރުމުގެ ބަދަލުގައި ޒިންމާދާރު ނޫސްވެރިކަމަށް މީޑިއާ އަހުލުވެރިކުރުމަށް ދައުލަތުގެ މުއައްސަސާތަކުގެ މިސްރާބު ބަދަލުކޮށްފައިވާ ކަަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރު މިހެން ވިދާޅުވީ މީޑިއާ ފްރީޑަމް ކޯލިޝަންގެ ވަޒީރުންގެ ފެންވަރުގެ ފުރަތަމަ ބައްދަލުވުގަ އެވެ.

މީޑިއާގެ މިނިވަންކަމާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސްގެ ހަވާސާގައި ކުރިއަށްދިޔަ މި ބައްދަލުވުން އޮތީ ރޭ، ވާޗުއަލްކޮށެވެ.

"ކޮވިޑް-19ގެ ޙާލަތުގައި މީޑިއާގެ މިނިވަންކަން" މި ޝިއާރުގެ ދަށުން މިއަހަރުގެ ގްލޯބަލް ކޮންފަރެންސް އޮން މީޑިއާ ފްރީޑަމް ބާއްވަނީ ކެނެޑާ އާއި ބޮޓްސްވާނާ ގުޅިގެންނެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ މީޑިއާގެ މިނިވަންކަމަކީ ޑިމޮކްރެޓިކް އަދި އިންސާފު އަށަގެންފައިވާ މުޖްތަމައެއްގެ އެންމެ މުހިއްމު އެއް އަސާސްކަމަށެވެ.

މީޑިއާގެ މިނިވަންކަމަށް މީޑިއާ ފްރީޑަމް ކޯލިޝަނުން އެކަށައަޅާފައިވާ ހަމަތަކަކީ ރާއްޖެއިން ގަބޫލުކުރާ ހަމަތަކެއްކަން ބަޔާންކުރައްވައި، މީޑިއާގެ މިނިވަންކަމަށް ރާއްޖޭގައި އޮތް ހުރަސްތައް ނައްތާލަން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވި އެވެ. ވަކިން ޚާއްސަކޮށް، މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އޮތް ޚިޔާލުފާޅުކުރުމާ އަބުރު ރައްކާތެރިކުރުމާ ބެހޭ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަކީ އެމަނިކުފާނުގެ ބަރުލަމާނީ ހަޔާތުގައި ކުރެއްވި އެންމެ ފަހު މަސައްކަތްކުޕުޅުކަން ފާހަގަކުރައްވައި، 2018 ވަނަ އަހަރު އެ ގާނޫނު އުވާލުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ތަސްދީގު ކުރެއްވުމުން ރާއްޖޭގެ މީޑިއާގެ މިނިވަންކަމުގެ ތާރީޚުގެ ކަޅު ސަފްޙާއެއް ނިމުމަކަށް އައިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރާއްޖޭގެ މީޑިއާގެ މިނިވަންކަމަށް މިހާރުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް ކަންކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވި އެވެ. އެގޮތުން ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލަ އާއި މަރާލާފައިވާ ބްލޮގަރު ޔާމީންގެ ކޭސް ރިޔާސީ ކޮމިޝަނުން ބަލަމުންދާކަން ފާހަގަކުރައްވައި، މީޑިއާތައް ޖޫރިމަނާކުރުމުގެ ބަދަލުގައި ޒިންމާދާރު ނޫސްވެރިކަމަށް މީޑިއާ އަހުލުވެރިކުރުމަށް ދައުލަތުގެ މުއައްސަސާތަކުގެ މިސްރާބު ބަދަލުކުރެވުނުކަން ވެސް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގައި މީޑިއާގެ މިނިވަންކަމަށް ކުރިމަތިވި ގޮންޖެހުންތަކަށް ވެސް މިނިސްޓަރު ޝާހިދު އަލިއަޅުއްވާލެއްވި އެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކޮށް، ބިރެއް ނެތި ނޫސްވެރިންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދިނުމަށް ބައިނަލްއަގުވާމީ މުޖްތަމައަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ނޫސްވެރިކަމާ ނުލައި ސަރުކާރެއް އޮތުމަށް ވުރެ، ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުން ވެސް ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މާ މުހިއްމު ކަމަށް ރައީސް ސޯލިހު ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރައްވަމުންނެވެ.

މީޑިއާ ފްރީޑަމް ކޯލިޝަން އުފެއްދީ 2019 ވަނަ އަހަރު ޖުލައި މަހު، ނޫސްވެރިކަމުގެ މިނިވަންކަމާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސްގަ އެވެ. މި ކޯލިޝަންގައި ބައިވެރިވާ މެމްބަރު ގައުމުތަކުން މަސައްކަތްކުރަނީ މީޑިއާގެ މިނިވަންކަމާ، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް، ނޫސްވެރިކަމުގެ ޒިންމާ އަދާކުރީތީ އެނޫސްވެރިންނަށް އަނިޔާކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށެވެ. މި ކޯލިޝަންގައި މެމްބަރު 38 ގައުމު ހިމެނޭ އިރު، ރާއްޖެއަކީ ކޯލިޝަންގެ އެގްޒެކެޓިވް ގްރޫޕްގެ މެމްބަރެކެވެ. އެގްޒެކެޓިވް ގްރޫޕްގައި ދެން ހިމެނެނީ މި ކޯލިޝަން އުފެއްދުމުގައި ހަރަކާތްތެރިވި ކެނެޑާއާއި އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ، ލެޓްވިއާ، ޖަރމަނީ، ގާނާ އަދި ނެދަލެންޑްސްއެވެ.