ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ކޯޓާ ލިބޭ މިންވަރަށް ބަލާ، ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދޭނެ ފަރާތްތައް ކަނޑައަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ކޯވިޑްގެ ޙާލަތާ ގުޅިގެން މިދިޔަ ދެ އަހަރު ރާއްޖެއިން ހައްޖަށް ދިއުމުގެ ފުރުސަތު މެދުކެނޑިފައި އޮތުމަށް ފަހު މިއަހަރު ލިބޭ ފުރުސަތުގައި ރާއްޖެއަށް ކޯޓާ ލިބޭނީ އެހެން އަހަރުތަކަށް ވުރެ މަދުންނެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ މަދުން ކޯޓާ ލިބެއްޖެނަމަ މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމުގެ ފުރުޞަތު ދޭނީ ހައްޖު ކޯޕަރޭޝަންގެ އިތުރަށް ދެ ޖަމާއަތަކަށް ކަމަށެވެ. ނަމަވެސް ޖަމާއަތްތަކަށް ދޭނެ ވަރު ކަނޑައެޅޭނީ ރާއްޖެއަށް ކޯޓާ ލިބޭ ވަރު ރަސްމީކޮށް ސައުދީ ސަރުކާރުން އެންގުމުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޢީދު ބަންދަށްފަހު ހައްޖަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯސަލްތައް ހުށައެޅުމަށް ފުރުސަތު ހުޅުވާލަނެކަމަށާއި ޕްރޮޕޯސަލްތައް ހުށައަޅަ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް މިފަހަރު ރާއްޖެއިން މީހުން ގެންދިޔުމުގެ ހުއްދަ ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް މިފަހަރު ލިބޭނެ ކޯޓާގެ އަދަދު އަދިވެސް ރަސްމީކޮށް ރާއްޖެއަށް އަންގާފައި ނުވާކަމަށެވެ.

މިއަހަރު ޙައްޖަށް މީހުން ގެންދާ އަދަދު ސައުދީން މަދުކުރުމުން ރާއްޖެއަށް ލިބޭ ކޯޓާގެ އަދަދު ދަށްވާނެކަން ސައުދީ ސަރުކާރުން އަންގާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ. މިގޮތުން ސައުދީން އެކުލަވާލީ ލިސްޓްގައި ރާއްޖެއަށް 453 ކޯޓާ ދީފައި އޮތްނަމަވެސް އަދިވެސް އެކަން ރަސްމީކޮށް ނާންގާ ކަމަށް ބުންޏެވެ.

ކޯވިޑްގެ ކުރިން ސައުދީން ރަސްމީކޮށް ރާއްޖެއަށް ދެމުން އައީ 1000 ކޯޓާ އެވެ. އަދި ބައެއްފަހަރު އެ 1000 ކޯޓާގެ އިތުރަށްވެސް ކޯޓާ ވަނީ ދީފަ އެވެ. މިއަހަރުވެސް އިތުރަށް ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.