ސްޕެއިންގެ އަގޮންސިއޯ އެއާޕޯޓު ކައިރީގައި ތަމްރީނު ދަތުރެއް ކުރަމުންދިޔަ މަތިންދާބޯޓެއް 300 ފޫޓު މަތިން ވެއްޓި، އޭގައި އިން އުމުރުން 27 އަހަރުގެ ދިވެހި ދަރިވަރަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ "ފްލައިބައި" ޕައިލެޓް ސްކޫލްގެ "ޓެކްނަމް 2006" މޮޑެލްގެ ދެ އިންޖީނު އެޅި މަތިންދާބޯޓެއް، އަގޮންސިއޯ އެއާޕޯޓުގައި "ޓަޗް އެންޑް ގޯ" ތަމްރީނުތަކެއް ހަދަމުންދަނިކޮށް ވިއާނާގެ "އުލާގޯސާ" ނަމަކަށް ކިޔާ ދަނޑުވެރިކަން ކުރާ ސަރަހައްދަކަށް ވެއްޓިގެންނެވެ.
ސްޕެއިންގެ ނޫހެއް ކަމަށްވާ "ލަ ރިއޯޖާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ދިވެހި ދަރިވަރުގެ ބޮލަށް އަނިޔާވުމުގެ އިތުރުން އޭނާގެ ތަނބިކައްޓާއި ފައިގެ ކަށިގަނޑު ވަނީ ބިންދައިގެން ގޮސްފައެވެ. އަދި އޭނާއާއެކު ފްލައިޓުގައި ހުރި އުމުރުން 26 އަހަރުގެ ފްލައިޓް އިންސްޓްރަކްޓަރުގެ ބޮލަށާއި ކަނދުރާގެ ކަށިތަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް އެ ނޫހުން ބުނެފައިވެ އެވެ.
އެ މަތިންދާބޯޓުގައި ތިބީ އުދުހުމުގެ 700 އަށް ވުރެ ގިނަ ގަޑިއިރު ހަމަކޮށްފައިވާ އިންސްޓްރަކްޓަރާއި، ތަމްރީނުގެ ފަހު މަރުހަލާގައި އުޅޭ ދިވެހި ދަރިވަރެއް ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، އެ ދިވެހި ދަރިވަރާ ގުޅޭ އިތުރު ތަފުސީލެއް އަދި ސާފެއް ނުވެ އެވެ.
"ލަ ރިއޯޖާ" ނޫހުގައި، އެ ހާދިސާގައި އަނިޔާވީ ދިވެހި ދަރިވަރަކަށް ކަމަށް ބުނެފައިވީ ނަމަވެސް، އެ ގައުމުގެ އެހެން ދެ ނޫހެއްގައި ވަނީ، ހާދިސާގައި އަނިޔާވީ ޕާކިސްތާނުގެ ދަރިވަރެއް ކަމަށް ރިޕޯޓުކޮށްފަ އެވެ.
މި ހާދިސާއާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހާރިޖީ މިނިސްޓްރީގެ ރަސްމީ ބަހެއް ހޯދުމަށް ކުރި މަސައްކަތުން އަދި ސާފު މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ސްޕެއިންގެ ސިވިލް އޭވިއޭޝަން ސޭފްޓީ އެޖެންސީން ވަނީ ހާއްސަ ތަހުގީގެއް ފަށައިފަ އެވެ.
އުނގޫފާރު ބަޔަކު ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި
ހިތަދޫން ވިޔަފާރީގެ ބޭނުމަށް 19 ބިމެއް ކުއްޔަށް ދޫކުރަނީ
ބިން އަތުލެވޭ އިސްލާހާ ދެކޮޅަށް ދެހާހަށްވުރެ ގިނަ މީހުންގެ ސޮއި
