ކީވް (01 މެއި) - މިހާރު ކުރިއަށްދާ ރަޝިއާ- ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިން އަސްކަަރިއްޔާއިން ރަޝިއާގެ 1000 އަށްވުރެ ގިނަ އަސްކަރީ ޓޭންކުތައް ނައްތާލައިފައި ވާނެ ކަމަށް އެގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

މި އަަދަދަށްވާ ޓޭންކުތަކުގެ އިތުރުން 200 އެއްހާ އަސްކަރީ ވައިގެ އުޅަނދާއި 2500 އަށްވުރެ ގިނަ ހަތިޔާރު އެޅި އެއްގަމު އުޅަނދުތައް ވެސް ނައްތާލެވިފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

ޒެލެންސްކީ އިތުރަށް ވިދާޅުވީ މި ގެއްލުންތަކާއެކު ވެސް ޔޫކްރެއިންއަށް އިތުރު ހަމަލާތައް ފޮނުވަން ބޭނުންވާ އަސްކަރީ ހަތިޔާރު އަދިވެސް ރަޝިއާގެ އަސްކަރިއްޔާގައި އެބަހުރި ކަމަށެވެ.

"އަސްކަރީ ބާރު އަދިވެސް ރަޝިއާގެ އަތުގައި އެބައޮތް، އެހެން ނަމަވެސް މި ކަންކަމުން އެ އަސްކަރިއްޔާ ބަލިކަށި ވެއްޖެ ކަމަށް ބުނެވިދާނެ،" ޒެލެންސްކީ ވިދާޅުވި އެވެ.

އެއާއެކު ހަނގުރާމަ ފެށުނީއްސުރެ 23000 އަށްވުރެ ގިނަ ރަޝިއާ ސިފައިން މަރުވެފައިވާ ކަމަށް ޒެލެންސްކީ ދައުވާ ކުރާއިރު މި އަދަދަކީ ތެދު އަދަދެއްކަން ޔަގީންކޮށް ބުނާކަށް ނޭނގެ އެވެ.

މި އަދަދުތަކަކީ ރަޝިއާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. ރަޝިއާއިން އާއްމުކުރާ އަދަދުތަކަކީ އެގައުމުގެ ބަލިކަށިކަން ހާމަ ނުކުރުމަށް އާއްމުކުރާ ދޮގު މައުލޫމާތު ކަމަށް ޔޫކްރެއިންއިން ބުނެ އެވެ.

މިދިޔަ މަހު ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމީޓްރީ ޕެސްކޯވް ވަނީ ހަނގުރާމައިގައި ރަޝިއާގެ އަސްކަރިއްޔާއަށް ގިނަ ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެއްބަސްވެފަ އެވެ. -- ސީއެންއެން