ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން 35 ޕަސެންޓް ބޮޑުކޮށްފި އެވެ.

މުސާރަ ބޮޑުކުރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނުކުރެވުމުން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ޓީޗަރުންގެ މުސާރަތަކަށް އަންނަ ބަދަލުތަކުގެ ތަފްސީލްތައް ނޫސްވެރިންނާ ހިއްސާކުރައްވަވައިފަ އެވެ.

ސުކޫލު ޓީޗަރުންގެ ގޮތުގައި 6،815 މުވައްޒަފުންގެ ތެރެއިން ވަކި ވަކި ރޭންކުތަކަށް އަންނާނެ ބަދަލުތައް މިނިސްޓަރު އަމީރު ހިއްސާކުރެއްވިއިރު، ރޭންކު އެކެއްގެ ޓީޗަރުންގެ މުސާރައަށް 22 ޕަސެންޓްގެ ބަދަލެއް، ރޭންކު 2 ގެ މުވައްޒަފުންނަށް 50 ޕަސެންޓްގެ ބަދަލެއް އަދި ރޭންކު ތިނެއްގެ މުވައްޒަފުންނަށް 38 ޕަސެންޓްގެ ބަދަލެއް ވަނީ ގެނެސްފަ އެވެ.

ޓީޗަރުންނަށް މީގެ ކުރިން ލިބެމުން އައި މުސާރައާއި ދެން ލިބޭނެ މުސާރަ

  • ރޭންކު 1- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 10،889ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 13،266 ރުފިޔާގެ މުސާރައެއް ލިބޭނެ.
  • ރޭންކު 2- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 13،089ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 19،467 ރުފިޔާގެ މުސާރައެއް ލިބޭނެ.
  • ރޭންކު 3- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 15،135ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 20،895 ރުފިޔާގެ މުސާރައެއް ލިބޭނެ.

މީގެ އިތުރުން ޕްރިސިޕަލުން 30 ޕަސެންޓާއި 35 ޕަސެންޓްގެ މުސާރަ ބޮޑުވިއިރު ލީޑިން ޓީޗަރުންގެ މުސާރައިގެ އިތުރުން ޓެނުއަޝިޕް އެލަވަންސަށް 2،000ރ. އަދި ތައުލީމީ ދާއިރާގެ އިދާރީ މުވައްޒަފުންނަށް މުސާރައިގެ 35 ބޮޑުކޮށްފައިވެ އެވެ.