ތެލް އަވީވް (05 މެއި) - އެމެރިކާ ސަރުކާރުގެ އެދުމުގެ މަތިން އިޒްރޭލުން ޔޫކްރެއިންއަށް އަސްކަރީ އެހީ ދޭން ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިޒްރޭލު ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ޔޫކްރެއިންއަށް ހަތިޔާރު ފޮނުވުމުގެ ކަންކަން ހަމަޖެއްސުމަށް ޖަރުމަނުގައި ބޭއްވި ބައްދަލުުވުމެއްގައި އެގައުމުގެ އަސްކަރިއްޔާގެ އިސް އޮފިޝަލުން ބައިވެރިވެފައިވާ ކަމަށެވެ.

އަސްކަރީ އެހީ ދިނުން ގާތްކަމަށް ބުނަމުން ސަރުކާރުގެ އޮފިޝަލް އިތުރަށް ވިދާޅުވީ އިޒްރޭލުން ފޯރުކޮށްދޭނީ ހަމައެކަނި ނޮންލީތަލް ހަތިޔާރު ކަމަށެވެ.

އިޒްރޭލުގެ މި ރިޕޯޓު އައިސްފައި މިވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ޖަރީމާ ހިންގި އެޑޮލްފް ހިޓްލަރަކީ ޔަހޫދީ ދަރިކޮޅުގެ މީހެއް ކަމަށް ދޭހަވާ މޭރުމަކުން ރަޝިއާގެ ފޮރިން މިނިސްޓަރު ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

ހިޓްލަރަކީ ޔަހޫދީ ލޭ ހިނގި މީހެއް ކަމަށް ސާޖޭ ލެވްރޯވް ވިދާޅުވުމާއެކު އިޒްރޭލުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އެއާއެކު ދެގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދި ހާރިޖީ ގުޅުންތައް ވަނީ ހީނަރުވެފަ އެވެ.

ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފެށުން އިޒްރޭލުން ކުށްވެރި ކުރި ނަމަވެސް މީގެ ކުރިން ޔޫކްރެއިންއަށް ވާގިވެރިވުމުގައި އިޒްރޭލުން ވަނީ ފަސްޖެހިފަ އެވެ. -- އަލް އަރަބިއްޔާ