ޗައިނާގެ ޗަންގްޝާ ނަަމަކަށް ކިޔުނު އަވަށުގައި މީގެ ހަދުވަސް ކުރިން ވެއްޓުނު އިމާރާތެއްގެ ދަށުވެފައި އޮތް އަންހެނެއް ދިރިހުއްޓާ ރެސްކިއު ޓީމުން ސަލާމަތް ކޮށްފި އެވެ.

ދައުލަތުގެ މީޑިއާއިން ހާމަކުރާ ގޮތުގައި މި އަންހެން މީހާއަކީ މި ހާދިސާގައި އިމާރާތުގެ ދަށުން ސަލާމަތް ކުރެވުނު ދިހަވަނަ މީހާ އެވެ. މި ހާދިސާގައި ފަސް މީހަކު ވަނީ މަރުވެފަ އެވެ.

ކާކުކަން ފާހަގަ ކޮށްފައި ނުވާ މި އަންހެން މީހާ ސަލާމަތް ކޮށްފައިވަނީ މިދިޔަ އޭޕްރީލް 29 ވަނަ ދުވަހު އިމާރާތް ވެއްޓުނުތާ ގާތްގަނޑަަކަށް 132 ގަޑިއިރު ފަހުންނެވެ.

ރެސްކިއު ޓީމުން ހާމަކުރާ ގޮތުގައި އޭނާ ފެނުނު އިރު ހޭ ހުރި ކަމަށާއި އިމާރާތުގެ ދަށުން އޭނާ ނެގުނީ ހުދު އޭނާގެ އެހީއާއެކު އިތުރަށް އަނިޔާ ނުވާނެހެން ބަލައިގެން ކަމަށެވެ.

މި ހާދިސާގައި ސަލާމަތް ކުރެވުނު އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށާއި ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މީޑިއާއިން ބުނެ އެވެ.

މި އިމާރާތް ވެއްޓުނު ސީދާ ސަބަބެއް ނޭނގުނު ނަމަވެސް މިއީ އިމާރާތް ކުރުމުގެ އިހުމާލަކުން ކުރިމަތިވި ހާދިސާއެއް ކަމަށް ބެލެވޭތީ މިކަމާ ގުޅިގެން ނުވަ މީހަކު ވަނީ ހައްޔަރު ކުރެވިފަ އެވެ.