މީގެ އަހަރެއްހާ ދުވަސް ކުރިން އުފަންވި އެއްމާބަނޑު ނުވަ ކުދިން ޑޮކްޓަރުން ލަފާކުރި ގޮތީ ހިލާފަށް އެކުދިންގެ އެއްވަނަ އުފަން ދުވަސް ފާހަގަ ކޮށްފި އެވެ.

މާލީގެ ދެމަފިރިއަކަށް ލިބުނު މި ނުވަ ކުދިން އުފަން ވެފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

މި ކުދިންނަކީ މިހާ ގިނަ ދުވަސް ވަންދެން ދުނިޔޭގައި ތިބި އެއްމާބަނޑު ނުވަ ކުދިންގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ ކުދިންނެވެ.

ކުދިންގެ ބައްޕަ އަބްދުލްގާދިރު ބުނީ ހުރިހާ ކުދިންގެ ވެސް މިހާރު ފިރުކި އިށީންދެ ހަދާ ކަމަށާއި ހެދި ބޮޑުވުމުގައި ކުރިއެރުންތައް ފެންނަ ކަމަށެވެ.

"މިއީ އެހާ ފަސޭހަ ކަމެއް ނޫން. އެކަމަކު ހުރިހާ ކުދިންގެ ސިއްހަތު ރަނގަޅު ކަމަށްޓަކައި އުފާކޮށް ޝުކުރުވެރިވަން،" ގާދިރު ބުންޏެވެ.

މޮރޮކޯގައި ދިރިއުޅޭ މި އާއިލާ ދިރިއުޅެމުން އަންނަނީ އެކުދިންގެ ސިއްހީ ކަންކަން ބަލަމުން އަންނަ ކްލިނިކްގެ އިމާރާތުގަ އެވެ. އެއީ ބޭނުން ވެއްޖެނަމަ ސިއްހީ އަވަސް ފަރުވާ ލިބި ދިނުމަށެވެ.

މިގޮތަށް އުފަންވާ އެއްމާބަނޑު ކުދިން އުފަންވާތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި މަރުވާތީ ޑޮކްޓަރުން ވަނީ ކޮންމެ ކަމަކަށް ވެސް ތައްޔާރުވެ ތިބުމަށް ގާދިރުއާއި އޭނާގެ އަންހެނުން ކައިރީ ބުނެފަ އެވެ.

މިކުދިންގެ ސިއްހަތު ކަށަވަރު ކުރުމަށްޓަކައި ހާއްސަ ޑައިޓެއް ބޭނުން ކުރާއިރު ގަވާއިދުން ޗެކްއަޕްތައް ހަދަން ޖެހޭ ކަމަށް ގާދިރު ބުންޏެވެ.

މީގެ ކުރިން އެންމެ ގިނަ ދުވަހު ދުނިޔޭގައި ތިބި އާދަޔާޚިލާފު އެއްމާބަނޑު ކުދިންގެ ރެކޯޑު އޮތީ އެމެރިކާގެ އަންހެނަކަށް ލިބުނު އެއްމާބަނޑު 8 ކުދިންގެ އަތުގަ އެވެ.