އިނގިރޭސި ވިލާތުގެ ލަންޑަނުން ފުރައިގެން އެމެރިކާގެ ނިއު ޔޯކަށް ދަތުރު ކުރަމުން ދިޔަ ވާޖިން އެޓްލާންޓިކްގެ ފްލައިޓެއްގައި ތިބި ދެ ޕައިލެޓުންގެ ތެރެއިން އެކަކު ޕައިލެޓް ކަމުގެ ތަމްރީނު ފުރިހަމަ ނުކުރާކަން އެނގުމުން އެ ފްލައިޓް އަނބުރާ ލަންޑަނަށް ޖައްސައިފި އެވެ.

އެ އެއާލައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕައިލެޓުންގެ ރޯސްޓާ ހެދުމުގައި އެޅި އޮޅުމަކުން ތަމްރީނު ފުރިހަމަ ނުކުރާ ޕައިލެޓެއް ފްލައިޓްގެ ފަސްޓް އޮފިސަރަކަށް ލެވުނު ކަން އެނގުނީ ފްލައިޓް ލަންޑަނުން ފުރިތާ 40 މިނެޓް ފަހުން ކަމަށެވެ.

ފަސްޓް އޮފިސަރަކީ އެ އެއާލައިންގެ އިންޓާނަލް ޓެސްޓް ފްލައިޓް ފުރިހަމަ ކޮށްފައިނުވާ ޕައިލެޓެއް ނަމަވެސް އޭނާއަކީ އިނގިރޭސިވިލާތުގެ ފްލައިން ސްޓޭންޑާޑްތަކަށް ޝަރުތު ހަމަވާ އަދި އެ އެއާލައިންގައި 2017އިން ފެށިގެން މަސައަކަތްކުރާ ޕައިލެޓެކެވެ.

މި ޓެސްޓު ފުރިހަމަ ނުކުރި ނަމަވެސް އެ ޕައިލެޓަކީ ޕައިލެޓް ލައިސެންސް ލިބިފައިވާ މުވައްޒަފެއް ކަމަށާއި އޭވިއޭޝަން ގަވާއިދާ އެ އެއާލައިންއިން ހިލާފުވެފައި ނުވާނެ ކަމަށް ވާޖިން އެޓްލާންޓިކުން ބުނެފައިވެ އެވެ.

މި އޮޅުން އެނގުމާއެކު ފްލައިޓް ވަނީ އަނބުރާ ލަންޑަންގެ ހީތްރޫ އެއާޕޯޓަށް ޖައްސާފަ އެވެ. އަދި ބަދަލު ކްރޫނު ހޯދުމަށްފަހު ފްލައިޓް އަލުން ފުރާފައިވަނީ ދެ ގަޑިއިރާއި 40 މިނެޓް ފަހުންނެވެ.

އެ އެއާލައިންއިން ވަނީ މިކަމުގެ ސަބަބުން ފަސިންޖަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދިފަ އެވެ.