މެންދުރުފަސް ވެގެން އަންނައިރު އޮފީހުގެ މޭޒުދޮށުގައި ނުނިދި އިނދެވެނީ ކިރިޔާ އެވެ. ތާއްޔާ ޖެހުނަސް އެންމެ ފަހުން ޖެހެނީ ތެދުވެ ކޮފީ ތަށްޓެއް ހަދައިގެން ބޯށެވެ. މިއީ އަހަރުމެންގެ ތެރެއިން ގިނަ ބައެއްގެ ހާލެވެ.
އިންޑިއާގެ ބެންގަލޫރުގައި ހިންގާ އަމިއްލަ ކުންފުންޏެއް ކަމަށްވާ ވޭކްފިޓް ސޮލިއުޝަންސްއިން މިވަނީ އެކުންފުނީގެ މުވައްޒަފުންނަށް ދިމާވާ މި އުނދަގުލަށް ހައްލެއް ހޯދައިދީފަ އެވެ.
އެގޮތުން އޮފީހުގެ ރަސްމީ ގަޑީގެ ތެރެއިން 30 މިނެޓު ނިދުމަށް ހާއްސަކޮށް އެވަގުތަކާ އޮފީހުގެ އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭ ވަގުތެއް ކަމަށް އެކުންފުނިން ވަނީ ކަނޑައަޅާފަ އެވެ.
މުވައްޒަފުންނަށް ފޮނުވި އިންޓާނަލް އީމެއިލްއެއްގައި ކޯ ފައުންޑަރު ޗެއިތަންޔާ ރާމަލިންގަމް ވިދާޅުވީ މެންދުރުފަހު 2:00 ން 2:30 ގެ ވަގުތަކީ މުވައްޒަފުންނަށް ނިދާލަން ލިބޭ ވަގުތެއް ކަމަށާއި އެވަގުުތުގައި އޮފީހުގެ އެއްވެސް ކަމެއް ކުރަން ނުޖެހޭނެ ކަމަށެވެ.
އެއާއެކު މުވައްޒަފުން ނިދުމަށް ހާއްސަ ކޮޓަރިތައް ހަދައި އެކަމަށް އެކަށޭނަ މާހައުލެއް ގާއިމު ކުރަން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަހަރުމެންނަކީ ނިދުމަށް ބޭނުންވާ އުފެއްދުންތައް އުފައްދާ ކުންފުންޏަކަށްވީއިރު މިއީ މިހާތަނަށް ނުކުރެވި އޮތް މުހިއްމު ކަމެއް" ޗެއިތަންޔާ ވިދާޅުވި އެވެ.
މެންދުރުފަހުގެ ވަގުތުގައި ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ނިދާލުމަކީ އުފެއްދުންތެރިކަން އިތުރުވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކާފައިވާއިރު މިއީ ވިޔަފާރީގެ ގޮތުން ވެސް ފައިދާ ކުރާނެ ނިންމުމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.