ކޮލަމްބޯ (09 މެއި) - އިގްތިސާދު އަޑިއަޅާލައިފައިވާ ސްރީލަންކާގެ އާއްމު ރައްޔިތުންނަށް ކައްކާ ގޭސް ވިއްކުން ހުއްޓާލައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެ ގައުމުގެ ގޭސް ފޯރުކޮށްދޭ މައި ކުންފުނި ކަމަށްވާ ލިޓްރޯ ގޭސްއިން ބުނެފައިވަނީ އާއްމުންނަށް ވިއްކާނެ ތެލެއް ނެތް ކަމަށާއި އެހެން ކަމުން ގޭސް ހޯދަން ކިއުތަކުގައި ނުތިބުމަށެވެ.

"އާއްމު ގޭބިސީތަކަށް ވިއްކާނެ ގޭހެއް ނެތް. މިހާރު ގޭސް މި ވިއްކަނީ ހަމައެކަނި ސިނާއީ މަސައްކަތްތަކަށް،" ލިޓްރޯ ގޭހުގެ ޗެއާމަން ވިޖިތަ ހެރަތު މީޑިއާތަކަށް ވިދާޅުވެފައިވެ އެވެ.

އެއާއެކު އަންނަ ހުކުރު ނުވަތަ ހޮނިހިރު ދުވަހު ލިބޭނެ ކަމަށް ލަފާ ކުރެވޭ 3500 މެގަ ޓަނުގެ ގޭސް ޝިޕްމަންޓަކަށް ހަތް މިލިއަން ޑޮލަރުގެ އަގު މިއަދު ދައްކާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލިޓްރޯ ގޭހަކީ ސްރީލަންކާގެ ގޭސް މާކެޓްގެ 60 ޕަސެންޓް ހިއްސާކުރާ ކުންފުންޏެކެވެ. ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަންއިން ހިންގާ ލިޓްރޯ ގޭހުން ގޭސް ވިއްކުން ހުއްޓާލުމަކީ ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ދަތިތަކެއް ކުރުވާނެ ކަމެކެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަޑިގަނޑުގެ ސަބަބުން ޕެޓްރޯލާއި ޑީސަލް ލިބުން ދަތިވެ މި ބާވަތްތައް ވިއްކުން ވެސް މީގެ ކުރިން ވަނީ ހިފަހައްޓާފަ އެވެ. -- ނިއުސްވަޔާ