ކީވް (09 މެއި) - މި ހަފްތާ ބަންދުގައި ރަޝިއާއިން ޔޫކްރެއިންގެ ސްކޫލަކަށް ހަމަލާދީ 60 މީހުން މަރާލައިފައިވާ ކަމަށް އެގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޒެލެންސްކީ އިއްޔެ ވިދާޅުވީ ލުހަންސްކް ސަރަހައްދުގައި ހުންނަ ސްކޫލަކަށް އޭގެ ކުރީ ދުވަހު ރަޝިއާއިން ބޮމުގެ ހަމަލާއެއް ދީފައިވާ ކަމަށެވެ.

"އެ ސްކޫލުގައި ރައްކާތެރިކަން ހޯދައިގެކން ތިބި 60 މީހުން ރަޝިއާއިން ވަނީ މަރާލާފައި." ޒެލެންސްކީ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ލުހަންސްކްގެ ގަވަރުނަރު ވިދާޅުވީ ގާތްގަނޑަކަށް 90 މީހުން އެ ސްކޫލުގައި ހިމާޔަތް ހޯދައިގެން ތިިބި ކަމަށާއި އޭގެ ތެރެއިން 60 މީހުން ވެއްޓުނު އިމާރާތުގެ ދަށުވެ މަރުވެފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ހަމަލާއާއެކު އދ. ގެ ސެކެޓްރަރީ ޖެނެރަލްގެ ތަރުޖަމާނު އެންޓޯނިއޯ ގުޓެރެސް ވަނީ ރަޝިއާގެ އެ ހަރުކަށި އަމަލު ކުށްވެރިކޮށް އާއްމުންގެ ފުރާނައަށް ނުރައްކާ ނުކުރުމަށް ރަޝިއާއަށް ގޮވާލާފަ އެވެ.

"މެއި މަހުގެ 07 ވަނަ ދުވަހު ލުހަންސްކްގެ ބިލޮހޮރިވްކާ އަވަށުގައި ހުރި ސްކޫލަށް ރަޝިއާއިން ދިން ބޮމުގެ ހަމަލާ ކުށްވެރި ކުރަން. ހަނގުރާމައިގައި މަދަނީ އިމާރާތްތަކާއި އާއްމުން ހިމާޔަތް ހޯދައިގެން ތިބޭ ތަންތަން ރައްކާތެރި ކުރަން ޖެހޭ،" އެންޓޯނިއޯ ވިދާޅުވި އެވެ.

ރަޝިއާއަށް ކުރެވޭ ތުހުމަތު ތަކާއެކު ވެސް އެގައުމުން ދަނީ ޔޫކްރެއިންގައި ކުރިއަށްދާ ހާއްސަ އަސްކަރީ އޮޕަރޭޝަންގައި އާއްމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް ބުނަމުންނެވެ. -- އަލް އަރަބިއްޔާ