އިންޑިއާގެ ބިހާރަށް ނިސްބަތްވާ އަންހެނަކު އޭނާގެ މަރުވި ފިރިމީހާގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އެގައުމުގެ އަސްކަރިއްޔާއާ ގުޅިއްޖެ އެވެ.

އިންޑިއަން އާމީ ފޯސް (އައިއޭއެފް)ގެ ލެފްޓިނެންޓެއްގެ މަގާމަށް ޕްރޮމޯޓްވުމަކީ ދީޕަކް ސިންގް ދެކެމުން އައި ހުވަފެނެކެވެ. ނަމަވެސް އެ ހުވަފެން ހަގީގަތަކަށް ވުމުގެ ކުރިން ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީއާއެކު 2020 ވަނަ އަހަރު ހިނގި ކުރިމަތިލުންތަކެއްގައި އޭނާ ވަނީ މަރުވެފަ އެވެ.

ނަމަވެސް ދީޕަކްގެ ފުރިހަމަ ނުވި ހުވަފެން ހަގީގަތަކަށް ހަދައި ދިނުމަށްޓަކައި އޭނާގެ އަންހެނުން ރޭކާ ސިންގް ވަނީ ޓީޗަރުކަމުގެ ވަޒީފާ ދޫކޮށް އަސްކަރިއްޔާއާ ގުޅިފަ އެވެ.

ރޭކާ ބުނި ގޮތުގައި އަސްކަރިއްޔާއަށް ވަންނަން އޭނާއަށް ހިތްވަރު ލިބުނީ ފިރިމީހާގެ ހިތްވަރުން ކަމަށާއި އަސްކަރިއްޔާއަށް ވަނުމަށް ގަސްދުކުރީ ދީޕަކްގެ ހުވަފެން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ލެފްޓިނެންޓެއްގެ ގޮތުގައި މި މެއި މަހު 28 ވަނަ ދުވަހު އޭނާގެ ތަމްރީނުތައް ފެށި ނަމަވެސް އަސްކަރިއްޔާއާ ގުޅުން އޭނާއަށް ފަސޭހަ ކަމަކަށް ނުވި އެވެ. އެގޮތުން އެންޓްރެންސް ޓެސްޓުން ފުރަތަމަ ފަހަރު ކާމިޔާބު ނުލިބުމުން ދެވަނަ ފަހަރު ވެސް އޭނާ އިތުރު ހިތްވަރަކާއެކު ކުރި މަސައްކަތުން އަސްކަރިއްޔާއަށް ހޮވުނީ އެވެ.

ދީޕަކް މަރުވީ އޭނާއާއި ރޭކާގެ ކައިވެންޏަށް 15 މަހުގަ އެވެ. ކައިވެނީގެ އެހާ ކުރީކޮޅު ބައިވެރިޔާއާ ވަކިވާން ޖެހުމުގެ ހިތާމަ ކުޑަވީ އޭނާ ވަކިވީ ގައުމަށްޓަކައި ކަން ވިސްނޭތީ ކަމަށް ރޭކާ ބުންޏެވެ.

ދީޕަކްގެ ހިތްވަރު ފާހަގަކޮށް އިންޑިއާގެ ރައީސް ރާމް ނާތު ކޮވިންދް ވަނީ އޭނާއަށް ހިތްވަރުގެ "ވީރް ޗަކްރާ" އެވޯޑު ދީފަ އެވެ.